ޚަބަރު

ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް ފުރަތަމަފަހަރަށް އުފަން ރަށަށް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަފަހަރަށް އަމިއްލަފުޅު ރަށް ޅ.ހިންނަވަރަށް ޒިޔާރަތްކުރައްވައިފިއެވެ.

އެމަނިކުފާނުގެ މި ޒިޔާރަތަކީ ރ.އަތޮޅު ދުވާފަރަށާއި ނ.އަތޮޅު ހެނބަދޫއަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހިންނަވަރަށް ކުރެއްވި ނުރަސްމީ ޒިޔާރަތެކެވެ. ރައީސް ވަނީ ހިންނަވަރަށް ވަޑައިގެން އެމަނިކުފާނުގެ އަމިއްލަ ގެކޮޅަށްވެސް ޒިޔާރަތްކުރައްވާފައެވެ. އަމިއްލަފުޅު ރަށަށް ވަޑައިގެން ކުރެއްވި ޓްވީޓެއްގައި ރައީސް ޞަލިޙް ވިދާޅުވީ، ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހިންނަވަރަށް ޒިޔާރަތްކުރެއްވުނީތީ އުފާކުރައްވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މިއަދު ވަނީ ރ.އަތޮޅު ދުވާފަރުގައި ބޭއްވެވި އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން އެމަނިކުފާނު މާދަމާ ނ.އަތޮޅު ހެނބަދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.