ޚަބަރު

ސިޓީ ޕާރކް ސާފުކޮށް، އަލުން ތަރައްޤީ ކުރަނީ


އަލިކިލެގެފާނު މަގުގައި ހުންނަ ސިޓީ ޕާރކް ތަރައްޤީކުރާނެގޮތަކާމެދު މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ. މާލެ ސިޓީ ކައުންސިލުން މިދިޔަ ހަފްތާތެރޭގައި ވަނީ ސިޓީ ޕާރކް ސާފުކޮށްފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެއްވެސް ބޭނުމެއް ނުކުރެވޭގޮތަށް ބަންދުކޮށްފައި އޮތް ސިޓީ ޕާރކް މިދިޔަ ހަފްތާގެތެރޭގައި މާލޭ ސިޓީ ކައުންސިލުންވަނީ ސާފުކޮށްފައެވެ. އެގޮތުން އެ ތަނުގައިހުރި ހަލާކުވެ ވީރާނާ ވަމުންދިޔަ ތަކެތި އުކާލާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ.

ސިޓީ ޕާރކް ސާފުކޮށް އަލުން ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިފައިވާކަން އިއުލާނުކުރައްވަމުން މާލެ ސިޓީގެ މެޔަރ ސިފާ މުޙައްމަދު ވިދާޅުވީ، އެމީހެއް އުޅޭ ތަނެއްގެ ސާފުތާހިރުކަމާއިއެކު ބެލެހެއްޓުމަކީ އަމިއްލަ ފަރުދީ ޒިންމާއަކަށް ހަދަންޖެހޭ ކަމަށާއި، ސިޓީ ޕާރކްގެ ސާފުތާހިރުކަމަކީ ރައްޔިތުންގެ ޒިންމާއެއްކަމަށެވެ. ސިޓީ ޕާރކްގައި ރެސްޓޯރެންޓްތަކެއް ހިިންގަމުންދަނިކޮށް، އެތަން ހުސްކޮށް ކުރީގެ ސަރުކާރުން ވަނީ އެތަން ތަރައްޤީކުރަން ފަށާފައެވެ. ނަމަވެސް އަހަރުތަކެއް ވީއިރުވެސް އެމަސައްކަތް ނިމިފައި ނުވާއިރު، ސަރުކާރު ނިމިގެންދިޔައިރުވެސް ޕާރކް ހުޅުވާފައެއް ނުވެއެވެ. މާލެ ސިޓީގެ މަގުތަކާއި ޕާރކްތައް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަން މިހާރު ބަދަލުކޮށްފައިވާއިރު، މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ ސިޓީ ޕާރކް އެންމެ އެކަށޭނެގޮތުގައި ރައްޔިތުންނަށް ފައިދާ ކުރާނެ ފަދަ ގޮތަކަށް ތަރައްޤީކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާކަމަށެވެ. އެގޮތުން މި ހަފްތާތެރޭގައި އެތަން ތަރައްޤީކުރާނެގޮތަކާމެދު ސިޓީ ކައުންސިލްގެ މެމްބަރުންނާ މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް މާލެ ސިޓީގެ މޭޔަރ ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން މިނިވަން 50 އާ ގުޅިގެން ސަލްޓަން ޕާރކްގައި ހެދި ހުޅުދާން ބަގީޗާގެ ލެޑް ބޮކީގެ ގަސްތައް ސިޓީ ޕާރކްގައި ބަހައްޓާފައިވެއެވެ. އަދި ޕާރކް ތަރައްޤީކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް ކަޅުއޮއްފުންމީގެ އަސްލާ އެއްގޮތައް ބަނދެފައިވާ ދޯނި މި ޕާރކްގައި ބެހެއްޓުމަށްފަހު ފަހުން ވަނީ ނަގާފައެވެ. ނަމަވެސް ސިޓީ ޕާރކް ތަރައްޤީ ކުރުމުގެ މަސައްކަތް އެއްކޮށް ނުނިންމައި ގިނަދުވަސް ވުމުގެ ސަބަބުން އެ ތަނުގައި ބަހައްޓާގައި ހުރި ލެޑް ގަސްތަކާއި އެހެނިހެން ތަކެތި ވަނީ ހަލާކުވެފައެވެ.

އެއަށްފަހު މި ޕާރކް ތަރައްޤީކުރުމުގެ މަސައްކަތް ކުރީގެ ސަރުކާރުން ހައުސިންގ މިނިސްޓްރީގެ ދަށަށް ބަދަލުކޮށް އެ ޕާރކް ޕޫލް ތީމް ޕާރކެއްގެ ގޮތުގައި ތަރައްޤީކުރަން ނިންމިކަންވެސް އިއުލާނުކުރިއެވެ. ނަމަވެސް މިކަމުގެ ޢަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.

މާލެ ސިޓީގެ ބާރުބޮޑު ހިސާބެއްގައިވާ މި ޕާރކް، ޕާރކް ކުރެވޭނެ ޖާގަތަކާއެކު ތަރައްޤީކޮށް، އާންމުންނަށް ބޭނުންކުރެވޭގޮތަށް ހުޅުވާލެވިގެންދިއުމަކީ އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާ ލުއިފަސޭހައަކަށް ވާނެއެވެ.