ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން ލ.ގަމު ދާއިރާ އަށް ވާދަކުރައްވަން ނިންމަވައިފިއެވެ.
އިދިކޮޅު ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި މިހާތަނަށް ހުންނެވޮ މޫސާ މަނިކުވަނީ ދާދިފަހުން އެޕާޓިން ވަކިވެވަޑައިގެންފައެވެ. މޫސާ މަނިކް ވިދާޅުވެފައިވަނީ ކުރިއަށް އޮތް އިންތިޚާބުގައި ގަމު ދާއިރާއަށް ނުކުންނަވަން ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެންމެ ފުރަތަމަ އޭނާ ސިޔާސީ މަސައްކަތްތައް ފެއްޓެވީވެސް އެދާއިރާއިން ކަމަށްވެފައި ސިޔާސީ ގޮތުން ގިނަ ކަންކަން ކޮށްދެވިފައިވަނީވެސް އެ ދާއިރާއަށް ކަމަށް ވާތީކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދައުރުގައި ގަމު ދާއިރާގައި ހުންނެވީ ނިމިދިޔަ ސަރުކާރާ އިދިކޮޅު މެމްބަރަކަށް ވުމުން އެ ދާއިރާ އޮތީ ވަރަށް ބޮޑަށް ބާކީ ކުރެވިފައި ކަމަށް މޫސަ ވިދާޅުވެއެވެ. އެހެން ކަމުން އަމިއްލަ ގޮތުގައި ނުކުންނަވައި ގޮނޑި ކާމިޔާބު ކުރެއްވުމަށްފަހު، ސަރުކާރާ ގުޅިގެން އެ ދާއިރާގެ ތަރައްގީގެ މަސައްކަތް ކުރައްވާނެކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.
މޫސަ މިހާރު ތަމްސީލު ކުރައްވާ ހުޅުހެންވޭރު ދާއިރާގެ ބަދަލުގައި މިހަރު ވަކި ދެދާއިރާއެއް އިލެކްޝަން ކޮމިޝަނުން ވަނީ މާލޭގައި ހިމަނުއްވާފައެވެ. އެއީ ހެންވޭރު ހުޅަނގު ދާއިރާއައި ހުޅުމާލެ ދާއިރާއެވެ.