ކުޅިވަރު

ނޭކުރެންދޫ ޑެކަގަން ކަޕްގެ ޗެމްޕިއަންކަން މާޒިންސް ހޯދައިފި


ހދ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް، ނޭކުރަންދޫ ޑެކަގަން ކަޕްގެ ޗެމްޕިއަންކަން މާޒިންސް ހޯދައިފިއެވެ. ނޭކުރަންދޫގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗު މާޒިންސް ކާމިޔާބުކުރީ އެކްސް ޒީރޯއާއި ވާދަކޮށް ދޭއް ސުމަކުންނެވެ.

ނޭކުރަންދޫއަށް ނިސްބަތްވާ މި ދެ ޓީމުގެވެސް ފޯރިގަދަ ކުޅުމެއް ފެނުނު މެޗުގައި މާޒިންސްގެ ދެ ގޯލުވެސް ޖެހީ މެޗުގެ ފުރަތަމަ ހާފްގައެވެ. ފުރަތަމަ ގޯލް ޖެހީ 24 ވަނަ މިނިޓްގައި އަހުމަދު އިމާޒެވެ. ދެވަނަ ގޯލް ޖަހައިދިނީ އިބުރާހިމް ރަޝީދެވެ.

މިމުބާރާތުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވީ މަޝްހޫރު ފުޓްބޯޅަ ކޯޗު އަލީ ސުޒޭނެވެ. މުބާރާތުގެ ހާއްސަ މަގާމުތަކަށް ޓްރޮފީ ހަވާލުކޮށްދެއްވީ މިމުބާރާތުގެ ދެ ސްޕޮންސަރުންކަމަށްވާ ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑް މެނޭޖިންގ ޑިރެކްޓަރ އަލީ އަބުދުލްރަހްމާނާއި ޑައިރެކްޓް ލޮގިސްޓިކްގެ މެނޭޖިންގ ޑިރެކްޓަރ މުުހައްމަދު ރާއީއެވެ.

މިމުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކީ މާޒިންސްގެ އަހުމަދު ޝަރުވާނެވެ. މޮޅު ޑިފެންޑަރަކަށް ކުލަބު ސިވިކްގެ އިބުރާހިމް ހުމައިދު ހޮވުނުއިރު އެންމެ މޮޅު ފޯވާޑަކީ މާޒިންސްގެ އަޙުމަދު އިމާޒެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީވެސް މާޒިންސްގެ އަހުމަދު އިމާޒެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެކްސް ޒީރޯގެ ކޯޗު ހަސަން ޒާހިރެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ކުމުންދޫ އެފްސީގެ ފުރުޤާން އަބުދުލް ހަމީދެވެ.

މިފަހަރުގެ މުބާރާޔުގައި 8 ޓީމް ބައިވެރިވިއެވެ. އެއީ ކުޅުދުއްފުށީ ހިރަފުސް، ކުމުންދޫ، ކުރިނބީގެ އިތުރުން ނޭކުރަންދޫގެ އެކްސް ޒީރޯ، މާޒިންސް، ޓީމް ރުއްގަނޑު، ކުލަބު ސިވިކް އަދި ސެނޮންއެވެ.