ޚަބަރު

ތިނަދޫއިން ފްލެޓް ލިބުނު މީހުންގެ ފޯމްތައް އަލުން އިވެލުއޭޓް ކުރަން ފަށައިފި


ކުރީ ސަރުކާރުން ގދ. ތިނަދޫގައި އިމާރާތްކުރި 120 ހައުސިން ޔުނިޓު ލިބުނު މީހުންގެ ފޯމުތައް އަލުން އެރަށު ކައުންސިލުން އިވެލުއޭޓުކުރަން ފަށައިފިއެވެ.

މި ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ތިނަދޫ ކައުންސިލުން ފަށާފައި މިވަނީ، އެ ފްލެޓްތައް ލިބުނު މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފައިވަނިކޮށް އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅުމާ ގުޅިގެން ފްލެޓްތައް ދޫކުރުން ވަގުތީގޮތުން މަޑުޖައްސާލާފައި ވަނިކޮށެވެ.

ފްލެޓުތައް ދޫކުރުން ހުއްޓުވުމުގެ ވަގުތީ ޢަމުރެއް ނެރެދިނުމަށް އެދި، ތިނަދޫ ކައުންސިލުން، އޭސީސީގައި އެދިފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. ތިނަދޫ ކައުންސިލުން އޭސީސީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އަވަސް އަރުވާލައިގެން ވަކި ޕާޓީއަކަށް ނިޞްބަތްވާ ފަރާތްތަކަކަށް މަންފާ ލިބޭގޮތަށް ފްލެޓުތައް ދޫކޮށްފައިވާތީއާއި، ފްލެޓުތަކަށް ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު ކުރުވުމާއި، އެކަމުގެ ސަބަބުން ޢާންމުންގެ ތެރޭގައި މަޞްލަޙަތު ގެއްލުމުގެ ފުރުޞަތު އޮތުމުން ވަގުތީ އަމުރެއް ނެރެގެން ނަމަވެސް ފްލެޓު ދޫކުރުން ހުއްޓުވައި އެކަމާ ގުޅިގެން އަންނަ ޝަކުވާތައް ވީހާވެސް ކުޑަކޮށް އަދި އެންމެ އިންސާފުވެރިގޮތެއްގައި ފްލެޓު ދޫކުރެވޭނެ ފަދަ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެދޭކަމަށެވެ.

ތިނަދޫ ކައުންސިލްގެ ރައީސް، އިބްރާހީމް އައްސަދު، ޕީއެސްއެމް ނިއުސްއަށް ދިން އިންޓަރވިއުއެއްގައި ވިދާޅުވީ، އެ މައްސަލާގައި އޭސީސީން އެންގީ ހައުސިން މިނިސްޓްރީގެ ލަފާގެ މަތިން ކުރިއަށް ދިއުމަށް ކަމަށެވެ. އެހެންކަމުން އެ މިނިސްޓްރީގެ ލަފަޔާއެކު ކޮމިޓީއެއް އެކުލަވާލައި، އަލުން ފޯމުތައް ޗެކް ކޮށް މާކްސް ދީފައިވަނީ ރަނގަޅަށްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެ މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ކޮމިޓީގައި ހިމެނެނީ، ގދ. އަތޮޅު ކައުންސިލްގެ 2 މުވައްޒަފަކާއި، ތިނަދޫ އަންހެނުންގެ ޖަމްޢިއްޔާގެ 2 މުވައްޒަފަކާއި ތިނަދޫ ކައުންސިލްގެ ތިން މުވައްޒަފަކު ހިމެނޭހެން، ޖުމްލަ 7 މެމްބަރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައްސަދު ވިދާޅުވީ، ފްލެޓު ދީފައިވާ ގޮތުގެ ތަފްސީލު އެނގުމުން، އޭގައި ބޮޑެތި މައްސަލަތަކެއް ނެތް ނަމަ ކައުންސިލްގެ އަމާޒަކީ ވީހާވެސް އަވަހަށް ފްލެޓު ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިއުންކަމަށެވެ.

ގދ. ތިނަދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ 120 ފްލެޓުގެ ތެރެއިން، އޭ ކެޓަގަރީގައި ހިމެނޭ 80 ފްލެޓަށް 580 ފޯމު ހުށަހަޅާފައިވާއިރު ބީ ކެޓަގަރީގައި ހިމެނޭ 25 ފްލެޓަށް އެދި 238 ފޯމު ހުށަހަޅާފައިވެއެވެ. ސީ ކެޓަގަރީގައި ހިމެނޭ 15 ފެލްޓަކީ ވިޔަފާރި އުޞޫލުން ވިއްކުމަށް ހަމަޖެހިފައިވާ ފްލެޓްތަކެކެވެ.