ކުޅިވަރު

ދޮންފަނު އިންވިޓޭޝަން ކަޕް: ޕެނަލްޓީ ޖަހައިގެން ދޮންފަނު ރޮއްވާލުމަށްފަހު، ކިހާދޫ ފައިނަލަށް

ދޮންފަނު އިންވިޓޭޝަން ކަޕްގެ ފައިނަލްގެ ދެވަނަ ޖާގަ ކިހާދޫ ހޯދައިފިއެވެ.

މުބާރާތް ބާއްވާ ދޮންފަނާ ވާދަކޮށް ކިހާދޫ ފައިނަލުން ޖާގަ ހޯދީ މެޗްގެ ފުރިހަމަ ވަގުތުގައި 3-3 ން ދެ ޓީމް އެއްވަރުވުމުން ޕެނެލްޓީ ޖަހައިގެން 8 ލަނޑު 6 ލަނޑުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗްގަ ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ކިހާދޫ ޓީމް އިންނެވެ. މިލަނޑު މެޗްގެ 12 ވަނަ މިނެޓްގައި އެޓީމަށް ޖަހައިދިނީ އިބްރާޙިމް އަފްޒަލް އެވެ. މިލަނޑު ޖަހާ މާގިނަ އިރުތަކެއްނުވަނީސް، ދޮންފަނުން މެޗްނަތީޖާ ހަމަކުރިއެވެ. މިލަނޑު ޖެހީ މެޗްގެ 20 ވަނަ މިނެޓްގައެވެ. ދޮންފަނުން ފުރަތަމަ ފަހަރަށް މެޗްގައި ކުރި ހޯދީ 34 ވަނަ މިނެޓްގައި މުޙައްމަދު ނަބީލް ޖަހައިދިން ލަނޑުންނެވެ.

ފުރަތަމަ ހާފް މިނަތީޖާގައި ނިމިގެންދިޔަނަމަވެސް ކިހާދޫން ދެވަނަ ހާފްގައި މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން މެޗްގެ 55 ވަނަ މިނެޓްގައި ކިހާދޫގެ އަލީ ފަރުހާން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެޓީމަށް ހަމަކޮށްދީފައެވެ. އެލަނޑައްފަހު ދޮންފަނުން ކުޅުން ރަގަޅުކޮށް އިތުރުލަނޑެއްޖަހާ މެޗްގައި ދެވަނަ ފަހަރައް ލީޑް ނެގިއެވެ. މިލަނޑު އެޓީމްއަށް ޖަހައިދިނީ 72 ވަނަ މިނެޓްގައި އަލީ ޝާއިންއެވެ. ދެޓީމްގެ ގިނައަދަދެއްގެ ސަޕޯޓަރުން މެޗްބަލަންދިޔަ މިމެޗްގަ ކިހާދޫއަށް ނަތީޖާ ހަމަކޮށްދިނީ 79 ވަނަ މިނެޓްގައި ހުސެން އީމާން އެވެ.

ޕެނަލްޓީ ސޫޓްއައުޓްގައި، ކިހާދޫއިން ޖެހި 5 ޕެނަލްޓީވެސް ވަނީ ކާމިޔާބުކޮށްފައެވެ. ދޮންފަނުން ޖެހި 4 ޕެނަލްޓީގެ ތެރެއިން އެއް ޕެނަލްޓީ ކިހާދޫ ގޯލްކީޕަރު ވަނީ ހިފަހައްޓާފައެވެ. މުބާރާތް ބާއްވާ ދޮންފަނު ރޮއްވާލުމަށްފަހު ކިހާދޫއިން ފައިނަލުން ޖާގަ ހޯދިއިރު ކިހާދޫ އަކީ ފުރަތަމަ ބޭއްވި މިމުބާރާތުގެ ޗެމްޕިއަނުންނެވެ. ކިހާދޫ ފައިނަލްގައި ވާދަކުރާނީ އެންމެ ފަހުގެ ރަނަރަޕް އޭދަފުއްޓާއެވެ.

މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މިމަހުގެ 17 ވާ ހޯމަ ދުވަހުއެވެ.