ވިޔަފާރި

ފެހެންދޫގައި ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށް އަސާސީ ޚިދުމަތްތައް މުހިއްމު


ބ.އަތޮޅު ފެހެންދޫއަކީ އެއަތޮޅު ގޮއިދޫ އާ އެއް ފަޅެއްތެރޭގައި އޮންނަ ރަށެކެވެ. ބޮޑުމިނުގައި 26 ހެކްޓަރ ހުންނަ މިރަށުގެ ދިގުމިނުގައި އެއް މޭލުހުރެއެވެ. މިރަށު މީހުން އާމްދަނީ ހޯދުމަށް ކުރިން ކުރަމުން އައި އެއްމަސައްކަތަކީ މަސްވެރިކަމެވެ. އެހެން ނަމަވެސް މިހާރު ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާވަމުންދާ މިރަށުގައި، މިވިޔަފާރީގައި އުޅޭ ޒުވާނުން މަދެއް ނޫނެވެ.

ފެހެންދޫގައި 3 ގެސްޓްހައުސްއެއް މިހާރުވެސް ދަނީ ހިންގަމުންމެވެ. މިވިޔަފާރި ފުޅާކުރުމަށް މިރަށުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ގެސްޓްހައުސް ހިންގާ ބައެއް ފަރާތްތަކާ ވާހަކަދައްކާލުމުން އެމީހުން ބުނީ ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާކުރުމަށް ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތަކެއް އެބަހުރިކަމަށެވެ. އެގޮތުން ބަނދަރުގެ ދަތިކަމުގެ މައްސަލައާއި ސިއްޙީ ޙިދުމަތް ލިބޭނެ ތަނެއް ނެތުމުގެ މައްސަލައަކީ ކޮންމެހެންވެސް ޙައްލުކުރަންޖެހޭ މުހިއްމު މައްސަލައެކެވެ. އަދި މިރަށަށް ޒިޔާރަތްކުރާ، ފަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުންގެ ޚިދުމަތްވެސް މުހިންމުކަން ގެސްޓްހައުސް ވިޔަފާރި ކުރާފަރާ ފަރާތްތަކުން ފާހަގަކުރެއެވެ.

ގެސްޓް ހައުސް ހިންގާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ރަށަށް ދިމާވެފައިވާ އުމްރާނީ މައްސަލަތައް ޙައްލުވެއްޖެނަމަ، ގެސްޓް ހައުސްގެ ވިޔަފާރި މިހާރަށްވުރެ ފުޅާވެގެންދާނެއެވެ.

ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވީ ފެހެންދޫ އަކީ އާބާދީ ގޮތުން މީހުން މަދު ރަށަކަށް ވީނަމަވެސް، ގެސްޓް ހައުސްގެ ވިޔަފާރި ކުރިއަރަމުންދާތީ، އަސާސީ ޙިދުމަތްތައް އެރަށުން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން މުހިއްމުކަމަށެވެ.

ފެހެންދޫގައި ގެސްޓްހައުސް ވިޔަފާރި ފުޅާވެގެންދާއިރު ރަށު ކައުންސިިލުން ދަނީ ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކާ ވާހަކަދައްކާ، އެފަރާތްތަކަށް ދިމާވާ ދަތިތައް އޮޅުންފިލުވަމުންނެވެ. އަދި އެކަންކަން ސަރުކާރާ ހިއްސާކުރަމުންދާކަމަށްވެސް ރަށު ކައުންސިލުން ބުނެއެވެ.

ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި ގެސްޓްހައުސް ވިޔަފާރި ފުޅާ ކުރުމަށް ކައުންސިލުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް ދަނީ ކުރަމުންނެވެ. އަދި ފެހެންދޫގައި ގެސްޓްހައުސް ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އަބަދުވެސް ހުޅުވާލެވިފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފެހެންދޫގައި ގެސްޓް ހައުސް ވިޔަފާރި ކުރިއަރަމުން އަންނައިރު، އެރަށުގައި މިހާރުވެސް 3 ގެސްޓް ހައުސްއެއް އޮޕަރޭޓްކުރަމުންދެއެވެ. އަދި މިގެސްޓްހައުސްތަކަށް އަހަރެއްގެ މައްޗަށް ހާހެއްހާ މީހުން ޒިޔާރަތްކުރެއެވެ.