ޚަބަރު

ކާބަފައިންގެ ރީތި އާދަތައް ކުދިންނަށް ދަސްކޮށްދޭންޖެހޭ - ރައީސްގެ އަނބިކަނބަލުން


ކާބަފައިންގެ ރީތި އާދަތަކާއި ސަޤާފަތްތައް ކުޑަކުދިންނަށް ދަސްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވާލައްވައިފިއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ އާރކްގެ 2019 ވަނަ އަހަރުގެ ކަލަންޑަރު އިފްތިތާޙުކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ ދިވެހިންނަކީ ވަރަށް ރީތީ އާދަކަދާއާއި ސަޤާފަތްތަކެއްގެވެރި ބައެއް ކަމަށާއި، ކާބަފައިންގެ ސަޤާފަތާއި ރީތިއާދަކާދަތައް ކުޑަކުދިންނަށް ދަސްކޮށްދޭންޖެހޭކަމަށެވެ.

އެގޮތުން އެކަކުއަނެކަކަށް އަޅާލުމާއި، އަވަށްޓެރިންނާ ގުޅުން ބަދަހިކޮށް، ކަމޭހިތުންފަދަ އާދަތަކަކީ ކާބަފައިން ދައްކާފައިވާ ރީތި މިސާލުން މިސާލު ނަގައި ކުޑަކުދިންނަށް ދަސްކޮށްދޭންޖެހޭ އާދަތަކެއްކަމަށް ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ. އެގޮތުން ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ އާރކް ފަދަ ޖަމިއްޔާތަކުން ކުޑަކުދިންނަށް މިފަދަ އާދަތައް ދަސްކޮށްދިނުމަކީ މުހިންމުކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

"މުޖުތަމައަށް ވިސްނާއިރު ރަނގަޅު އާދަތަށް ކުދިންގެ ކިބައިގައި ހަރުލައްވަންޖެހޭ. އަޅުގަނޑުމެންގެތެރޭގައި އެބައޮތް ބަސް ސަރވިސް، ފެރީ ސަރވިސްވެސް. ދަތުރުކުރާއިރު ތިމާއަށްވުރެ ގޮނޑި ބޭނުންވާ މީހާއަށް އެކަން ދައްކާ، މޯބައިލް ފޯނު ބޭނުންކުރާއިރު ޖަލްސާގައި ފޯނު ބޭނުންނުކުރުމާއި، ކާއިރު ފޯނު ބޭނުން ނުކުރުން ފަދަ އާދަތަށް ކުދިންނަށް ދަސްކޮށްދޭން ޖެހޭ'' ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

"ކުޑަކުދިންނާއި ސަޤާފަތް 2019" ކަލަންޑަރު ނެރުމަށް ބޭއްވި ހަފްލާގައި، ދިވެހިންގެ މަސައްކަތްތެރިކަމާއި، އިހުގެ ސަޤާފީ ބައެއް ކުޅިވަރުތަށް ދައްކުވައިދީފައިވެއެވެ. އޭގެ ތެރޭގައި ވޮށުފިލައާއި، ފަނުން ތައްޔާރުކޮށްފައިވާ ބައެއް ކުޅިވަރުތަކާއި، ކުނާ ވިޔުމާއި، ކަސަބު ތައްޔާރުކުރާގޮތް ދައްކައިދީފައިވެއެވެ. މިހަރަކާތުގައި އާރކްގެ އިސްވެރިންނާއި ކުޑަކުދިން ބައިވެރިވެފައިވެއެވެ.