ރިޕޯޓް

ފެހެންދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ހައްލެއް ބޭނުންވެފައި!


ބ. އަތޮޅުތެރޭގައި ޒަމާނުންސުރެ ގޮއިދޫ އަތޮޅުގެ ނަމުގައި މަޝްހޫރުވެފައިވާ ސަރަހައްދަކީ ތިމާވެށީގެ ގޮތުން ރީތި މަންޒިލެކެވެ. ގޮއިދޫ އަތޮޅުތެރޭގައި ހިމެނޭ 3 ރަށުގެ ތެރެއިން ފެހެންދޫ ރައްޔިތުންގެ އެންމެ ބޮޑު އެއްކަންބޮޑުވުމަކީ ލަފާ ފުރުމުގެ ދަތިކަމެވެ. މިކަމަށް އަވަސް ހައްލެއް ސަރުކާރުން ހޯދައި ދިނުމަކީ ފެހެންދޫ ރައްޔިތުންގެ އުންމީދެވެ.

އާބާދީގައި 290 އެއްހާ މީހުން ދިރިއުޅޭ ފެހެންދޫ އަކީ ބ. އަތޮޅުގެ ދެކުނުން އޮންނަ، ގޮއިދޫ އަތޮޅު ހިމެނޭ ސަރަހައްދުގައި އޮންނަ ރަށެކެވެ. މި މިރަށަކީ ލަފާފުރުމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. ގޮއިދުއާ އެއްފަޅެއްތެރޭގައި އޮންނަ ފެހެންދޫ މީހުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު އެއްމަސައްކަތަކީ މަސްވެރިކަމެވެ. މަސްވެރިކަން ކުރުމަށް ބޭނުންކުރާ އޮޑިދޯނިފަހަރު ބެލެހެއްޓުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ފެހެންދޫ ރައްޔިތުންގެ އެންމެބޮޑު އެއްޝަކުވާ އަކީ ލަފާ ފުރޭނެ ރަގަޅު ބަނދަރެއް ނެތުމުގެ ޝަކުވާއެވެ.

ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވީ ބަނދަރެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތައް ސަރުކާރުގެ އެކި އިދާރާތަކާ އެކިފަހަރުމަތިން ހިއްސާކޮށްފައިވާކަމަށެވެ. އެގޮތުން 2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ހިމެނިގެން ދިއުމަކީ އެރަށު ރައްޔިތުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއްކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"
"ބަނދަރެއް ނެތީމާ ހުރި ގޮންޖެހުންތައް ވަރަށް ގިނަ، ގެސްޓްހައުސް ވިޔަފާރި މިހާރު ވަރަށް ބޮޑަށް މިދަނީ ފުޅާވަމުން، އެމީހުން އެތަންތަން ހެދުމަށް ބޭނުންވާ މުދާ ގެނެސް ބޭލޭނެ ގޮތެއްނެތް. ކަނޑުކޮޅުން ނެރެއްނެތުމުގެ ސަބަބުން. ތިލަފަޅެއްގައި ކުދި ކުދި ޑިންގީތަކުގައި ދަތުރު ކުރަންޖެނީ، އެހެންވީމަ އާންމު ދިރިއުޅުމުގެ އަގުތައްވެސް ބޮޑުވެގެންދޭ"
ފެހެންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ގުދުރަތީ ރީތި މަންޒިލެއްގޮތުގައި ރާއްޖެއިން ބޭރުގެ ފަތުރުވެރިންނާ ދިވެހިންގެ މަޤްބޫލުކަން ހޯދާފައިވާ، މިރަށް އޮންނަ ސަރަހައްދަކީ ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާވަމުންދާ ސަރަހައްދެކެވެ. ފެހެންދޫގައި ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކުގެ އެންމެ ބޮޑު އެއްޝަކުވާއަކަށްވެސް ވެފައިވަނީ ފެހެންދޫގައި ލަފާ ފުރުމުގެ ކަންކަން އޮންނަ ގޮތެވެ. އާބާދީ ކުޑަ ނަމަވެސް އަހަރެއްގެ މައްޗައް އެރަށަށް ހާހެއްހާ ފަތުރުވެރިންދާ ކަމަށް ގެސްޓްހައުސް ވިޔަފާރި ކުރާފަރާތްތަކުން ބުނެއެވެ.

ފެހެންދޫ އަކީ ބ. އަތޮޅުގައި އޮތް އެންމެ އާބަދީ ކުޑަ ރަށެވެ. ފަތުރުވެރިން ގިނަ އަދަދަކަށް ޒިޔާރާތްކުރާ ފެހެންދޫގައި ގެސްޓްހައުން ވިޔަފާރި ފުޅާކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީވެސް ލަފާފުރުމުގެ ދަތިކަންކަމަށް އެ ވިޔަފާރިކުރާ ފަރާތްތަކުން ބުނެއެވެ.

ފެހެންދޫ މީހުން މިހާރު ލަފާފުރުމަށް ބޭނުން ކުރަނީ ފިލައިން އަޅާފައިވާ ފާލަމަކާއި، ތަނބު ޖަހައިގެން ހަދާފައިވާ ފާލަމެކެވެ. ތަނބުޖައިގެން ހަދާފައިވާ ފާލަމަކީ ފެހެންދޫގެ ލަފާފުރުމުގެ ދަތިކަމަށް ހައްލު ކުރުމަށް ގޮތުން 2017 ވަނަ އަހަރު އޭރުގެ ސަރުކާރުން އަޅާފައިވާ ފާލަމެކެވެ. ނަމަވެސް މިމައްސަލައަށް ދާއިމީ ހައްލެއް އަދިވެސް ވަނީ ނުލިބިއެވެ.