ޚަބަރު

އައި.ޓީ.ބީ ބާރލިން 2019ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


އަންނަ އަހަރު ޖަރުމަނުވިލާތުގެ ބާރލިންގައި ބާއްވާ، އައި.ޓީ.ބީ ބާރލިން ފެއަރގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީން ހުޅުވާލައިފިއެވެ.

ޖަރުމަނު ވިލާތަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ ދެވަނައަށް އެންމެ ބޮޑު މަންޒިލެވެ. ޖަރުމަންވިލާތުގައި ބާއްވާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ހަރަކާތް، އައިޓީބީ ބާލިން 2019 ގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީން ރާއްޖޭގައި ހިންގާ ފަތުރުވެރިކަމުގެ ކުންފުނިތަކަށް މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އަންނަ އަހަރުގެ މާޗުމަހުގެ 6 ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށް ޖަރުމަނުވިލާތުގައި ބާއްވާ ބަރލިން ފެއަރގައި ރާއްޖޭގައި ހިންގާ ރިޒޯޓު، ހޮޓެލް، ގެސްޓް ހައުސް، ޑައިވް ސެންޓަރ، ޓްރެވަލް އެޖެންޓްސް އަދި ޓުއަރ އޮޕަރޭޓާޒްއަށް ބައިވެރިވެވޭނެއެވެ.

ފެއަރގައި ރާއްޖޭގައި ހިންގާ ރިޒޯޓް، ހޮޓާ، ބޭރުގެ ޤައުމުތަކުގެ ޓްރެވަލް އެޖެންޓްސް، ޓުއަރ އޮޕަރޭޓަރުންނަށް ބައިވެރިވުމަށް ނަގާނީ 1000 ޑޮލަރެވެ. އަދި ސަފާރީ، ގެސްޓް ހައުސް، ޑައިވް އޮޕަރޭޓާޒް އަދި ރާއްޖޭގެ އަމިއްލަ އެޖެންޓުން އަތުން ނަގާނީ 500 ޑޮލަރެވެ. ޕީ ދެއްކުމުން ކޮންމެ ކުންފުންޔަކުން 2 ފަރާތަކަށް ފެއަރގައި ބައިވެރިވެވޭނެއެވެ. އަދި ދެމީހުންނަށްވުރެ އިތުރުވާ ކޮންމެ މީހަކަށް 212 ޑޮލަރު ނަގާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމް.އެމް.ޕީ.އާރު.ސީން ބުނީ މިއީ ރާއްޖޭގައި ހިންގާ ފަތުރުވެރިކަމުގެ ކުންފުނިތަކަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ފެއަރއެއްކަމަށެވެ. މިގޮތުން މިފެއަރގެ ތެރެއިން ޔޫރަޕްގައި، ހާއްސަކޮށް ޖަރުމަނު ވިލާތުގައި ރާއްޖެ އިޝްތިހާރުކުރަން ރަނުގެ ފުރުޞަތެއް ލިބޭނެއެވެ.

"އައިޓީބީ ބާރލިން" ފެއަރއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ ފަތުރުވެރިކަމާބެހޭ އެންމެ ބޮޑު ފެއަރގެ ގޮތުގައި ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަން، ވަނީ ސިފަކޮށްފައެވެ. އެއީ މިފެއަރއަކީ އެއްފުރާޅެއްގެ ދަށުން ގިނަ ޤައުމުތަކެއް ރަމްޒުވާގޮތަށް ފަތުރުވެރިކަމާބެހޭ ދާއިރާގެ އެކި ހިދުމަތާއި އުފެއްދުންތައް ދައްކުވައިދޭ ފެއަރއަކަށްވާތީއެވެ.

މިފެއަރގައި ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައިވެސް 180 ޤައުމަކުން ފަތުރުވެރިކަމާބެހޭ ދިހަ ހާހަށްވުރެ ގިނަ ކުންފުނިން ބައިވެރިވިއެެވެ. މިދިޔަ އަހަރުވެސް ފެއަރއަށް ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި އެއް ލައްކައަށްވުރެ ގިނަ މީހުން ޒިޔާރަތްކުރިއިރު، ފެއަރއަށް ޒިޔާރަތްކުރި އާންމުންގެ އަދަދުވެސް އެއްލަކައަށްވުރެ މައްޗަށް އަރައެވެ.

މިގޮތުން 2017 ވަނަ އަހަރު އެކަނިވެސް ޖަރުމަނު ވިލާތުން ރާއްޖެއަށް ސަތޭކަ ބާރަ ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާއި އާޅާބަލާއިރު 5.2 އިންސައްތައިގެ އިތުރުވުމެކެވެ. އަނެއްކޮޅުން މިއަހަރުގެ ފުރަތަމަ ދިހަ މަހަށް ބަލާނަމަވެސް ޖަރުމަނު ވިލާތުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ އޭގެ ކުރީއަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 2.6 އިންސައްތަ އިތުރުވެފައެވެ.

މިއަހަރުގެ ފުރަތަމަ 10 މަހު ޖަރުމަނު ވިލާތުން ރާއްޖެއަށް ނުވަދިހަ ތިން ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއިރު، އޭގެ ކުރީ އަހަރު އެމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހުރީ ނުވަދިހަ އެއް ހާހުގައެވެ.