ވިޔަފާރި

ލަކްސް ރިޒޯޓްވެސް އިޔާދަކުރަނިވި ހަކަތަައަށް ބަދަލުކޮށްލަނީ


ތިމާވެއްޓާ ރަށްޓެހި، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ރިސޯޓަކަށް ހެދުމަށް ހާއްސަ މަޝްރޫއެއް ލަކްސް ސައުތު އަރި އެޓޯލް ރިޒޯޓުން ފަށައިފިއެވެ.

ލަކްސް ސައުތު އަރި އެޓޯލް ރިޒޯޓަކީ ތިމާވެއްޓާ ރަށްޓެހި ރިސޯޓަކަށް ހެދުމުގެ ގޮތުން ކުރިޔަށްގެންދާ ޚާއްޞަ މަޝްރޫޢު ފަށާފައިވާއިރު، މިމަޝްރޫޢުގެ ދަށުން އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ރިސޯޓުގެ ހުރިހާ ފުރާޅެއްގައި އަވިން ހަކަތަ އުފައްދާ ސޯލާ ޕެނަލްތަކެއް ވަނީ ހަރުކޮށްފައިވެއެވެ. އަދި ރިސޯޓު ކައިރީ ކަނޑުމަތީގައިވެސް ސޯލާ ސީ ޕްލެޓްފޯމްތައް މިއަންނަ އަހަރުގެ ތެރޭގައި ހަރުކޮށް، ރިސޯޓަށް ބޭނުންވާ ހަކަތައިގެ ބޮޑުބައެއް އިޔާދަކުރަނިވި ހަކަތަ މެދުވެރިކޮށް އުފެއްދުމުގެ މަސައްކަތް ފެށޭނެއެވެ.

މިމަޝްރޫޢުގެ ބޭނުމަކީ އެރިސޯޓުގައި ޑީސަލް ޖަނަރޭޓަރު ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ބަރޯސާވެފައިވާ މިންވަރު ދަށްކުރުންކަމަށް ރިސޯޓުގެ މެނޭޖްމަންޓުން ބުނެއެވެ. މިގޮތުން ކޮންމެ އަހަރަކު އެރިސޯޓުގެ އިންޖީނުގެއިން ޖައްވަށް ނޭދެވޭ އަސަރުކުރާ 620 ޓަނުގެ ގޭސް އުފައްދައެވެ.

ލަކްސް ސައުތު އަރި އެޓޯލް ރިޒޯޓުގެ ޖެނެރަލް މެނޭޖަރ ޖޯނަސް އަމްސްޓެޑް ބުނިގޮތުގައި މިމަޝްރޫޢުގެ ފުރަތަމަ ބައި ފެށިފައިވާއިރު، މުޅި މަޝްރޫޢު ނިމޭއިރު ރަށުގައި ހަކަތަ އުފެއްދުމަށް ކުރެވޭ ހަރަދުވެސް ބޮޑުތަން ދަށަށް ދާނެކަމަށެވެ. އަދި މިއީ އެރިސޯޓުން ތިމާވެއްޓާ ރަށްޓެހި ގޮތެއްގައި ރިސޯޓުގެ ހިންގުން ބަދަލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ހިންގާ މަޝްރޫޢެއްކަމަށެވެ.

ލަކްސް ސައުތު އަރި އެޓޯލް ރިސޯޓުގެ މިމަޝްރޫޢު ކުރިޔަށް ގެންދަނީ ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ކުރިޔަށް ގެންދިއުމުގައި ހަރަކާތްތެރިވާ އޮސްޓްރޭލިއާގެ ކުންފުންޔެއްކަމަށްވާ "ސުއިމްސޮލް"އާއި ގުޅިގެނެވެ. ސުއިމްސޯލްއަކީ ކުދި ޖަޒީރާ ޤައުމުތަކުގައި ޕޮޓޯވޮލްޓެއިކް ނުވަތަ އަވިން އަދި އެހެނިހެން ޤުދުރަތީ ވަސީލަތްތަކުން އިޔާދަކުރަނިވި ހަކަތަ އުފައްދާ ޕެނަލް އަދި އެހެން ވަސީލަތްތައް ހަރުކޮށް، މިޚިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. މިކުންފުނީގެ މައި ޓީމެއް ރާއްޖޭގެ ރަށްތަކުގައި މިހިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުން ދެއެވެ.

ސުއިމްސޯލްގެ ހެޑް އޮފް ސޭލްސް ތޯމާސް ސިބެންބްރޫނާ ބުނިގޮތުގައި ލަކްސްއިން އިސްނަގައިގެން ފެށި މިމަޝްރޫޢަކީ ތިމާވެއްޓަށް ރަށްޓެހި ގޮތެއްގައި ފަތުރުވެރިކަމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ލާމަސީ މަޝްރޫއެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ރިޒޯޓުގެ ހިންގުމުގައި ކަރަންޓު ފޯރުކޮށްދިނުމަށް ޑީސަލަށް ކުރި ބޮޑު ހަރަދު ކުޑަކުރެވޭނެކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ތިރީސް މިނެޓުގެ ތެރޭގައި ދަތުރުކުރެވޭ ލަކްސް ރިޒޯޓުން ވަނީ ދާދި ފަހުން ޕްލާސްޓިކް ޕޮލިއުޝަން ކުޑަކުރުމުގެ މަޝްރޫއެއްވެސް ފަށާފައެވެ. މީގެ އިތުރުން އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކާ ދެކޮޅު ކެމްޕެއިންގައިވެސް އެރިސޯޓުން ވަނީ ބައިވެރިވެފައެވެ.