ސިޔާސީ

ބާ އެސޯސިއޭޝަންގެ ނަން ބާ ކައުންސިލަށް ބަދަލުކުރުމަށް ހުށަހަޅައިފި

ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތް ހަރުދަނާކޮށް ޤާނޫނީ ވަކީލުން ރެގިއުލޭޓް ކުރުމަށް އަލަށް އުފައްދާ މިނިވަން މުއައްސަސާ، ބާ އެސޯސިއޭޝަންގެ ނަން، ބާ ކައުންސިލަށް ބަދަލުކުރުމަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް އަލަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ބިލް ދިރާސާކުރަމުންދާ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީން މިއަދުވަނީ ބަންޑާރަނާއިބު އަލްއުސްތާޛް އިބްރާހީމް ރިފްޢަތާ މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދުވަނީ ޤާނޫނީ ޚިދުމުގެ ބިލްގެ ދަށުން އަލަށް އުފައްދާ ބާ އެސޯސިއޭޝަންގެ ނަން ބާ ކައުންސިލްގެ ނަމަށް ބަދަލުކުރުމަށް ހުށަހަޅާފައެވެ.

މެންބަރު ނަޝީދު ވިދާޅުވީ މި ބިލުގެ ދަށުން އުފައްދާ މުއައްސަސާގެ ނަން ބާ އެސޯސިއޭޝަންގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް ބާ ކައުންސިލުގެ ނަމަށް ބަދަލުކުރުމަށް ހުށަހަޅާކަމަށާއި، އެގޮތަށް ނަން ބަދަލުކުރުމަށް ދައުލަތް ވަންތަ ސިފަތަކެއް އެ މުއައްސަސާގެ ފަރާތުން ފެނިގެންދާނެ ކަމަށެވެ. މިކަމުގައި ބަންޑާރަނާއިބުގެ އިއުތިރާޒެއް ނެތްނަމަ އެބަދަލު ގެންނަންޖެހޭކަމަށް މެމްބަރު ނަޝީދު ވިދާޅުވިއެވެ.

"އަސްލު ބޮޑަށް މި އިޝޫ ފާހަގަކުރުމުގައި އެހެން މީހަކަށް ރަޖިސްޓްރީ ކުރެވިދާނެތޯ. އަޅުގަނޑަށް ހީވާގޮތުގައި އެހެންބުނަނީ އެއްކަލަ ޕާސިންގ އޮފް އައިސްދާނެތީހެން. މިސާލަކަށް ލޯ ސޮސައިޓީ އޮފް ދަ މޯލްޑިވްސް އެބައޮވޭ. ކޮންމެހެން ބާ އެސޯސިއޭޝަން އެނަމުގައި އެހެން ޖަމިއްޔާއެއް ހަދާފާނެތީ އެބިރެއްނޫން ކަންނޭނގެ މިއުޅެނީ." މެންބަރު ނަޝީދު ވިދާޅުވިއެވެ.

މިކަމަށް ޖަވާބު ދެއްވަމުން ބަންޑާރަނާއިބު ވިދާޅުވީ ބާ އެސޯސިއޭޝަންގެ ނަން ބާ ކައުންސިލްގެ ނަމަށް ބަދަލުކުރުމުގައި އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ. އަދި އެކަން ބިލަށް ގެންނަ އިސްލާހުގެ ތެރޭގައި ބަލައިގަތުމަށް ނިންމާފައިވާ ކަމަށްވެސް ބަންޑާރަނައިބު ވިދާޅުވިއެވެ. ނަމަވެސް ބަންޑާރަނާއިބު ކުރިން ވަނީ އަލަށް އުފައްދާ މިނިވަން މުއައްސަސާގެ ނަން ބާ އެސޯސިއޭޝަންގެ ގޮތުގައި ބޭއްވުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ މައްސަލައެއް ނެތް އިނގޭތޯ އެނަން ބަދަލުކުރުމަކުން. އެހެންވީމަ އެކަން އެގޮތަށް އަޅުގަނޑުމެން މި ބިލަށް ގެންނަ އިސްލާހުގެ ތެރޭގައި ހިމަނާނަން." ބަންޑާރަނާއިބު އިބްރާހީމް ރިފްޢަތު ވިދާޅުވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވަނީ ބާ އެސޯސިއޭޝަންގެ ނަމުގައި މިނިވަން މުއައްސަސާއެއް އުފެއްދުމަށް ރައްޔިތުން މަޖިލީހަށް ހުށަހެޅި ޤާނޫނީ ޚިދުމަތުގެ ބިލުގެ ވަކިވަކި މާއްދާތަކަށް ގެންނަންޖެހޭ ބަދަލުތައް ހުށަހަޅައި ބަންޑާރަނާއިބާ މަޝްވަރާކޮށް ގެންނަންޖެހޭ އިސްލާހުތައް ހުށަހަޅާފައެވެ.