ސިޔާސީ

"ޤައުމީ ވިންދު"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އީސީން ހުއްދަދީފި


ޤައުމީ ވިންދު ނަމުގައި އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ "ޤައުމީ ވިންދު ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ އެ ކޮމިޝަނުން ދީފައިވާ" ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު އަޙްމަދު އަކްރަމް ވިދާޅުވީ، އެ ކޮމިޝަނުން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވަނީ މުޙައްމަދު ރަމީޒް ޢަލީ، ގ. ރާވެހި އަށް ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރަމީޒް ޕާޓީ ހެދުމަށް އިލެކްޝަނުން ފޯމު ނަގާފައިވަނީ ފާއިތުވި ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އަކްރަމް ވިދާޅުވީ އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާއެކު ތިން މަސްދުވަހުގެ ތެރޭގައި 3000 މީހުން ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން ރަސްމީކޮށް އެޕާޓީގެ ޖަލްސާތައް ބޭއްވުމުގެ ހުއްދަ ދޭނެކަމަށެވެ.

ޤައުމީ ވިންދުގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަނުން ދީފައިވާއިރު، މިދިޔަ މަހުގެ 29 ވަނަ ދުވަހު އެކޮމިޝަނުން ވަނީ "މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ"ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ، ވިޔަފާރިވެރިން ޖަމްޢިއްޔާގެ ރައީސް އިސްމާޢީލް އާސިފަށް ދީފައެވެ.

މީގެ އިތުރުން އެކޮމިޝަނުން ވަނީ މަޝްހޫރު ޤާނޫނީ ވަކީލް ޢަބްދުﷲ ހަސީނަށް "މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދުމުގެ ހުއްދަވެސް ދީފައެވެ.

އިލެކްޝަނުން މިހާރު ހުއްދަ ދީފައިވާ ތިން ސިޔާސީ ޕާޓީއަށް ރަސްމީ ޙައިސިއްޔަތު ލިބުމާއެކު ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މަސައްކަތްކުރާ ސިޔާސީ ޕާޓީތަކުގެ އަދަދު އަށަކަށް އަރާނެއެވެ.