ކުޅިވަރު

އޭދަފުށީގައި ބެޑްމިންޓަން ވައި،ޑީ،ޕީ ކުރިއަށްގެންދެވިއްޖެނަމަ ޤައުމީ އެތައްކުޅުންތެރިންނެއް ނެރެވޭނެ


އޭދަފުށީގައި ބެޑްމިންޓަން ޔޫތް ޑިވަލަޕްމަންޓް ޕްރޮގްރާމް ވައި،ޑީ،ޕީ ހިންގައިފިނަމަ ޤައުމީ ފެންވަރުގައި ގުނާލެވޭނެ އެތައް ކުޅުންތެރިންނެއް ނެރެވޭނެކަމަށް އޭދަފުށީ ބެޑްމިންޓަން ޓީމުން ބުނެފިއެވެ. އޭދަފުށީ ބެޑްމިންޓަން ޓީމުން މިހެން ބުނީ މާލޭގައި ބޭއްވި 45 ވަނަ މައިލޯ ގައުމީ ބެޑްމިންޓަން މުބާރާތް ނިންމާލުމަށްފަހު އިއްޔެ އޭދަފުއްޓައް އައިސް ޕީއެސްއެމްއަށް މަޢުލޫމާތުދެމުންނެވެ.

ޓީމުގެ ފަރާތުން ވާހަކަ ދައްކަމުން އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުރަހްމާން އަދި ބެޑްމިންޓަން ޓީމުގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ބުނީ އޭދަފުށީގައި ބެޑްމިންޓަން ކުރިއަރާދާމިންވަރު ހޯދަމުންދާ ކާމިޔާބީތަކުން ފެންނަމުން ދާކަަމަށެވެ.

އޭދަފުއްޓަކީ ފުޓްބޯޅައިގެ އިތުރުން ބެޑްމިންޓަނުންވެސް ޤައުމީ ފެންވަރުގައި ކާމިޔާބީތަކެއް ހޯދަމުން އަންނަ ރަށެއްކަން ފާހަގަކުރަމުން ކައުންސިލްގެ ރައީސް ވިދާޅުވީ ވެތުވެދިޔަ 5 އަހަރުވެސް އޭދަފުށީ ބެޑްމިންޓަން ޓީމް ހޯދަމުންދާ ކާމިޔާބީގެ ފަހަތުގައި ތިބީ ވަރަށް މަދުބައެއްކަމަށެވެ. ފުޓްބޯޅައަށް ސަޕޯޓް ކުރާ އުސޫލުން ބެޑްމިންޓަން ކުރިއަރުވަން އޭދަފުށީ އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ މިއައްވުރެ ގިނަ ކާމިޔާބުތަކެއް ހޯދޭނެކަމަށް ގަބޫލް ކުރާކަމަށާއި، އަދި މިއައްވުރެ ރަގަޅު ޓީމެއް ކުރިމަގުގައި އޭދަފުށިން ފެނި ޤައުމީ ފެންވަރުގެ އެތައް ކުޅުންތެރިންނެއް ނެރެވޭނެކަމަށް ޤަބޫލްކުރާކަމަށް ތޮލާލް ވިދާޅުވިއެވެ.

ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން އޭދަފުއްޓަށް ހޯދައިދިން މަތީން އަޙުމަދު ބުނީ ކޮންމެ އަހަރަކުވެސް އޭނާގެ އަމާޒަށް ވާސިލްވެވޭކަމަށެވެ. އެގޮތުން މިއަހަރު އެންމެ ބޮޑު އިސްކަމެއް ދިނީ ދެވަނަ ޑިވިޝަންގެ ތަށި ހޯދުމަށްކަމަށާއި، އެކަން ކާމިޔާބުކުރެވުން އެއީ އޭދަފުއްޓައް ބެޑްމިންޓަނުން ލިބުނު ވަރަށް ބޮޑު ކާމިޔާބެއްކަމުގައި ދެކޭކަމަށްވެސް މަތީން ބުންޏެވެ.

މައިލޯ ޤައުމީ ވޮލީ މުބާރާތުން އޭދަފުށި ވަނީ ދެއިވެންޓަކުން ރަން މެޑެލް ހޯދާފައެވެ. އެއީ ފިރިހެން ސިންގަލްސް އިވެންޓުން އަބްދުލް މަތީން އަހުމަދު އާއި ފިރިހެން ޑަބަލްސް އިވެންޓުން މަތީން އާއި ހުސައިން މުހައްމަދުގެ ޕެއާއިން ހޯދި ޗެންޕިއަންކަމެވެ.

ބެޑްމިންޓަން މުބާރާތުގައި ޓީމު އިވެންޓުގެ އިތުރުން އޭދަފުށިން ވަނީ އަތޮޅު ލީގު އަދި ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ވެސް ހޯދައިފައެވެ.