ވިޔަފާރި

މަޓާޓޯގެ ރައީސްކަމަށް އަބްދުﷲ ސުއޫދު އިންތިޚާބުކޮށްފި


މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާޒް، މަޓާޓޯގެ ކުރިޔަށް އޮތް ދައުރުގެ ރައީސްކަމަށް އަބްދުﷲ ސުއޫދު އިންތިޚާބުކޮށްފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާޒް، މަޓާޓޯގެ ނާއިބު ރައީސްގެ މަޤާމުގައި ހުންނެވި އަބްދުﷲ ސުއޫދު، އެޖަމްއިއްޔާގެ ކުރިޔަށް އޮތް 4 އަހަރުގެ ދައުރުގެ ރައީސްކަމުގެ މަޤާމަށް އިންތިޚާބުކުރީ ހޮޓެލް ޖެންގައި ބޭއްވި އެ ޖަމްއިއްޔާގެ އަހަރީ އާންމު ޖަލްސާގައެވެ.

މަޓާޓޯގެ އަހަރީ އާއްމު ޖަލްސާގައި އެޖަމްއިއްުޔާގެ އެހެން މަޤާމުތަކާއި އެޖަމްޢިއްޔާގެ ބޯޑަށް އައު މެމްބަރުންވެސް ވަނީ އިންތިޚާބުކޮށްފައެވެ. މިގޮތުން ކުރިޔަށް އޮތް ދައުރުގެ ނައިބު ރައީސްގެ މަޤާމަށް އިންތިޚާބުކޮށްފައިވަނީ މިދިޔަ ދައުރުގެ ރައީސްކަން ކުރެއްވި އަބްދުﷲ ޤިޔާސް އާއި އިބްރާހިމް ޝިހާމެވެ. މީގެއިތުރުން މަޓާޓޯގެ ބޯޑަށް ފަސް މެންބަރުންނާއި، ހަޒާންދާރުގެ މަޤާމަށްވެސް މެންބަރެއް އިންތިޚާބުކުރިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މަޓާޓޯގެ ރައީސްގެ މަޤާމަށް އިންތިޚާބުކުރި ސުއޫދު ވަނީ ކުރިޔަށް އޮތް ދައުރުގައި އެޖަމުއިއްޔާގެ މެންބަރުންނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ސަރުކާރާއި، ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމައަތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރާނެކަމުގެ ޔަޤީންކަންދީފައެވެ.

"އަޅުގަނޑު މަސައްކަތްކުރާނަން މިހާރު މަޓާޓޯގެ މެންބަރުންނަށް ހުރި ދަތިތަކަށް އެޑްރެސްކުރަން. މިގޮތުން އިތުރު ފުރުސަތުތައް މަޓާޓޯ މެންބަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ވުޒާރާތަކާއިއެކު، އަދި ބޭރު ޤައުމުތަކުގެ ބައިނަލްއަޤްވާމީ ޖަމުއިއްޔާ ޖަމާޢަތްތަކާއި އެކު ގިނަ މަސައްކަތްތަކެއް ކުރާނަން. އަޅުގަނޑު އެންމެ އިސްކަމެއް ދޭނީ މިހާރުވެސް ރާއްޖެ އިޝްތިހާރު ކުރުމަށް މަޓާޓޯ ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިއުމަށް. އަދި މެންބަރުންގެ ހުރި ކޮންސާންތައް އެޑްރެސްކުރުމަށް އިސްކަން ދޭނަން." ސުޢޫދު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި މަޓާޓޯއަށް އެކިގޮތްގޮތުން އެހީތެރިކަން ދެމުންދާ ޕާޓްނަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަދާނީ ފިލާވަނީ ދީފައެވެ.

ދެހާސް ހަވަނަ އަހަރު އުފެއްދި މަޓާޓޯއަކީ ރާއްޖޭގެ ޓްރެވަލް އެޖެންޓްސް އަދި ޓުއަރ އޮޕަރޭޓަރުންނަށް އެކި ފެއަރތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައި ދިނުމުގަޔާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިންސާނީ ވަސީލަތް ބިނާކުރުމާއި، ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމުގެ މަސައްކަތް ބައިނަލްއަޤްވާމީ ފެންވަރެއްގައި ކުރަމުންދާ ޖަމުއިއްޔާއެކެވެ.

30 މެންބަރުންނާއި އެކު ފެށި މިޖަމުއިއްޔާގައި މިހާރު ފަސްދޮޅަހަށްވުރެ ގިނަ މެންބަރުން އެބަތިއްބެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރާއްޖޭގައި ފުރަތަމަ ދޭން ފެށި އެވޯޑު، މޯލްޑިވްސް ޓްރެވަލް އެވޯޑަކީވެސް މަޓާޓޯއިން 2012ވަނަ އަހަރު ދޭން ފެށި އެވޯޑެކެވެ.