ޚަބަރު

ތިމާވެށި ރައްކާތެރިކުރުމާ ގުޅޭގޮތުން ކައުންސިލަރުން ހޭލުންތެރި ކުރުވުމަށް ޚާއްޞަ ޕްރޮގްރާމެއް ފަށައިފި


ތިމާވެށި ރައްކާތެރިކުރުމާ ގުޅޭގޮތުން ރަށްރަށުގެ ކައުންސިލަރުން ޙޭލުންތެރިކުރުވުމަށް ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.

''ތިމާވެށި މައްތިނި'' މިނަމުގައި އެންވަޔަރަމަންޓް މިނިސްޓްރީން ފެށި މި ޕްރޮގްރާމަކީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ޙިމާޔަތްކުރުމަށް ކުރެވިދާނެ ކަންތައްތަކަށް ރަށްރަށުގެ ކައުންސިލަރުން ހޭލުންތެރި ކުރުވުމަށް ފެށި ޕްރޮގްރާމެއްކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމް ފަށްޓަވައިދެއްވަމުން، މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، ރަށްރަށަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމުގައި ކައުންސިލަރުންނަކީ މުހިންމު ދައުރެއް އަދާކުރެވޭނެ ބައެއްކަމުން، ތިމާވެށި ރައްކާތެރިކުރާނެ ގޮތާއި އޭގެ ނާޒުކުކަމާ ގުޅޭ މަޢުލޫމާތު އެނގުމަކީ މުހިންމު ކަމެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ތިމާވެއްޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ކުނި މެނޭޖް ކުރުމުގެ މައްސަލަ ހައްލުކުރުމުގައި ކައުންސިލްތައް މިހާރަށްވުރެ ބާރުވެރިކުރުވައި، އެ މަސައްކަތް ކުރުމަށް ކައުންސިލްތަކަށް ބޭނުންވާ ވަސީލަތްތައް ލިބޭނެމަގު ފަހިކޮށްދޭންޖެހޭ ކަމަށެވެ.

ކުނީގެ މައްސަލަ ޙައްލުކުރުމުގައި ފަރުދީ ޒިންމާގެ މުހިންމުކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ރަށްރަށުން ލިބެން ހުރި ވަޞީލަތްތައް ބޭނުންކޮށްގެން ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމަށެވެ. މީގެއިތުރުން ރަށްރަށުން ގަސްގަހާގެއްސާއި، ރުއް ކަނޑާ އޭގެ ވިޔަފާރިކުރަމުންދާ ކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ތިމާވެށި މައްތިނި ޕްރޮގްރާމް ފުރަތަމަ އަމާޒުކޮށްފައިވަނީ ކ،އއ، އދ އަތޮޅުގެ ކައުންސިލަރުންނަށެވެ. މިބައްދަލުވުމުގައި 60 ކައުންސިލަރުން ބައިވެރިވެއެވެ.