ޚަބަރު

ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސް ރާއްޖޭގެ 2 ރިސޯޓަކަށް


ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ރާއްޖޭގައި ހިންގާ 2 ރިސޯޓަކަށް ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑް ލިބިއްޖެއެވެ.

މި އެވޯޑް ލިބިފައިވަނީ ސެންޓާރާއިން ރާއްޖޭގައި ހިންގާ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާއަށާއި، ސެންޓާރާ ރަސްފުށި ރިސޯޓް އެންޑް ސްޕާއަށެވެ.

ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާއަށް ލިބިފައިވަނީ އިންޑިއާ ކަނޑުގެ ލަގްޒަރީ ފެމިލީ ބީޗް ރިސޯޓްގެ އެވޯޑެވެ. އަދި ރަސްފުށި ރިސޯޓް އެންޑް ސްޕާއަށް ލިބިފައިވަނީ އިންޑިއާ ކަނޑުގެ ލަގްޒަރީ އެޑަލްޓް ބީޗް ރިސޯޓް ގެ އެވޯޑެވެ.

12 ވަނަ އަހަރީ ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑް ހަފްލާ ބާއްވާފައިވަނީ އިންޑޮނޭޝިޔާގެ ބާރލީގައެވެ. މި އެވޯޑް ހަފްލާ ބާއްވާފައިވަނީ ބަރލީގެ އަޔާނާ ރިސޯޓް އެންޑް ސްޕާގައެވެ.

ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި 112 ވިލާ ހުރެއެވެ. އަދި ރަސްފުށި ރިސޯޓްގައި 140 ވިލާ ހުރެއެވެ.

2006 ވަނަ އަހަރުން ފެށިގެން ދެމުންއަންނަ ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ހޮޓެލްތަކުން ކުރަމުންއަންނަ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މި އެވޯޑް ދެނީ ފަތުރުވެރިންނާއި، މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޙިޔާލުގެ މައްޗަށް ބިނާކޮށްގެންނެވެ.