ޚަބަރު

ބ. އަތޮޅުގެ 13 ރަށަކުން ގޯތި ދޫކުރުމަށް ތައްޔާރުވަނީ


ބ. އަތޮޅުގެ 13 ރަށަކުން ގޯތި ދޫކުރުމަށް ތައްޔާރު ވަމުންދާކަމަށް ބ.އަތޮޅު ކައުންސިލުން ބުނެފިއެވެ.

ބ.އަތޮޅު ކައުންސިލުން އެއަތޮޅުގެ ރަށްރަށުގެ ރަށު ކައުންސިލްތަކަށް އަންގާފައިވާ އެންގުމުގައި ބުނެފައިވަނީ ކޮންމެ ރަށަކުންވެސް ގޯތި ދޫކުރުމަށް ބޭނުންވެ، އެކި ސަބަބު ތަކާހެދި މިހާތަނަށް ގޯތި ދޫނުކުރެވިހުރި ސަބަބުތަކާއި، ގޯތި ދޫކުރުމަށް ކުރެވުނު މަސައްކަތްތައް އެ ކައުންސިލަށް އެންގުމަށެވެ.

އަދި ރަށްރަށުގައި ތިބި ގޯތިބޭނުންވާ މީހުންގެ އަދަދު އެނގޭނަމަ އެ މަޢުލޫމާތުތައްވެސް އަތޮޅު ކައުންސިލާ ހިއްސާކުރުމަށް އެ ކައުންސިލުންވަނީ އެދިފައެވެ.

މީގެ އިތުރުން އެންމެ ފަހުން ގޯތި ދުކުރި އަހަރާއި، ގޯތި ދޫކުރާނެ ބިން ރަށުގެ ލޭންޑް ޔޫސް ޕްލޭގައި ހިމެނިފައިވާނަމަ އެ މައުލޫމާތާއި، ރަށްރަށުން ދޫކުރެވޭނެ ކަމަށް ލަފާކުރެވޭ ގޯތީގެ އަދަދު އެނގޭނެގޮތަށް މިފެށޭ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ކުރިން އެކައުންސިލަށް މަޢުލޫމާތު ފޮނުވުމަށްވެސް ބ.އަތޮޅު ކައުންސިލުން ވަނީ އެ އަތޮޅުގެ ރަށު ކައުންސިލްތަކަށް އަންގާފައެވެ.

ބ.އަތޮޅު ކައުންސިލުން ބުނީ، މި މަޢުލޫމާތުތައް ލިބުނުހާ އަވަހަކަށް، ގޯތި ދޫކުރެވެން ހުރި ރަށްތައް ބަލާ ދިރާސާ ކުރުމަށްފަހު ގޯތި ދޫކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ.