ކުޅިވަރު

ބާސްކެޓުގައިވެސް ދިމާވާ އެންމެ ބޮޑު ދައްޗަކީ ޖާގައިގެ ދަތިކަން: އިލްޔާސް


އެހެނިހެން ކުޅިވަރުތެކެކޭ އެއްގޮތަށް ބާސްކެޓްބޯޅައަށްވެސް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ޖާގައިގެ ދަތިކަން ކަމަށް ޓައިޓަންސް ބާސްކެޓްބޯލް އެކެޑަމީގެ ފައުންޑަރ އިލްޔާސް އިބްރާހީމް (އިއްލެ) ބުނެފިއެވެ.

އިލްޔާސް ބުނީ ބާސްކެޓު ބޯޅައިންވެސް ކުރިއަރަމުން އަންނަ ގިނަ އަދަދެއްގެ ކުދިން ރާއްޖޭގައި އެބަތިބިކަމަށެވެ. އެހެންނަމަވެސް މިކުޅިވަރަށްވެސް ޖާގައިގެ ދަތިކަން ދިމާވެފައިވާކަމަށާ އެކަމަށް ހައްލެއް ލިބޭނެކަމަށް އުންމީދުކުރާކަމަށް އިލްޔާސް ފާހަގަކުރިއެވެ.

"ބާސްކެޓްގަވެސް އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ދިމާވަނީ ހަމަ އިންފްރާސްޓްރަކްޗަރގެ ކަންތައް. ކުޅޭނެ ތަން ނެތުން. އަޅުގަނޑުމެންގެ ކުދިން އެބަތިބި ބައިވަރު. ކުޅެން ބޭނުން ބައިވަރު ކުދިން އެބަތިބި. ބާސްކެޓަކީ އަޅުގަނޑަށް މިހާރު ރާއްޖޭގައި މި ޔޫތު ޖެނެރޭޝަންގައި އެންމެ ގްރޯއިންގ ސްޕޯޓް. ހަމަ ކުޅޭނެ ތަނެއް ނުލިބިފަ އެތައް ބަޔަކު އެބަތިބޭ. އެހެންވީމާ އެންމެ ބޮޑު ދަތިކަމަކީ ކުޅޭނެ ތަނެއް" އިލްޔާސް ބުންޏެވެ.

ބާސްކެޓަކީ ރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކުޅިވަރެއްކަމަށް ފާހަގަކުރަމުން އިލްޔާސް ބުނީ މިކުޅިވަރު ކުޅެވޭނެ ތަނެއް ނެތިގެން ކުޅުންތެރިން ތިބެންޖެހޭކަމަށެވެ. އެހެންކަމުން މިކަމަށް އަވަސް ހައްލެއް ބޭނުންވާކަމަށް އޭނާ ބުންޏެވެ. ސަރުކާރުން އަބަދުވެސް ކުޅިވަރުގެ ކަންކަން ވަރަށް ގާތުން ބައްލަވާކަމަށާ އުންމީދަކީ ބާސްކެޓްބޯޅަ ތަރައްގީވުމަށް ބޭނުންވާ އިތުރު ވަސީލަތްތައްވެސް ކައިރި މުސަތަގުބަލެއްގައި ހަމަޖެހުންކަމަށް އޭނާ ފާހަގަކުރިއެވެ.

"އުންމީދުކުރަން މި ސަރުކާރުން އަޅުގަނޑުމެންނަށް މިކަމަށް ބައްލަވާފަ ހަމަ ރަނގަޅުގޮތްތަކެއް ހައްދަވައިދެއްވާނެކަމަށް. މިހާރުވެސް ހަމަ ވަރަށް ބައިވަރު ކަންކަން ހަމަޖައްސަވަމުން އެބަގެންދަވާ. އެހެންވީމަ އަޅުގަނޑުމެން އުންމީދުކުރަން ރަނގަލު ކަންތައްތަކެއް ވެގެން ކުރިއަށް އޮތްތާނގަ އަންނާނެކަމަށް" އިލްޔާސް ބުނެފަވެއެވެ.

ޓައިޓަންސް ބާސްކެޓްބޯލް އެކަޑަމީއަކީ 2018 ވަނަ ވުޖޫދުވެގެން އައި އެކަޑަމީއެކެވެ. މި އެކަޑަމީގެ ދަށުން މިހާރުވެސް ހަ ސަތޭކައަށްވުރެ ގިނަކުދިން ތަމްރީނުވަމުން އަންނައިރު މިއީ ބާސްކެޓްގައި ގިނަ ކާމިޔާބީތަކެއްވެސް ހޯދަމުން އަންނަ އެކަޑަމީއެކެވެ. މީގެ އިތުރުން މިކުޅިވަރުގައި ހަރަކާތްތެރިވަމުން އަންނަ ކުޑަކުދިން އިތުރު ތަމްރީނުތަކަށް ރާއްޖެއިން ބޭރަށް ގެންދިއުމާ އެގައުމުތަކުގެ ޓީމުތަކާއެކު ގިނަ އަދަދެއްގެ މެޗުތައް ކުޅުމުގެ ފުރުސަތުވެސް އެއެކަޑަމީއިން އަންނަނީ ހޯދައިދެމުންނެވެ.

މިދިޔަ މަހުވެސް ޓައިޓަންސް އެކަޑަމީގެ 55 ކުއްޖަކު ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ތައިލެންޑުގެ ވެރިރަށް ބެންކޮކަށްވަނީ ގޮސްފައެވެ.