ޓުއަރިޒަމް

ޓޫރިސްޓް ކައުންޓަޑައުން ޝޯއަށް އިންޑިޔާގެ ދެފަންނާނުން ރާއްޖެއަށް


މިރޭ ބާއްވާ
ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯގައި ލަވަ  ހުށަހަޅައިދިނުމަށް އިންޑިއާގެ މަޝްހޫރު ދެ ލަވަކިޔުންތެރިން
ކަމަށްވާ ސާލިމް މާޗަންޓާއި ސުލައިމަން މާޗަންޓު ރާއްޖެ ގެނެސްފިއެވެ.
މިރޭ ގަލޮޅު ރަސްމީދަނޑުގައި ބާއްވާ ޓުއަރިސްޓް އެރައިވަލް
ކައުންޓް ޑައުން ޝޯގައި ބައިވެރިވުމަށް ރާއްޖެ އަށް އައި ސާލިމް މާޗަންޓާއި
ސުލައިމަން މާޗަންޓަށް މަރުހަބާ ދަންނަވާފައި ވަނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު
އަދީބެވެ. ގަލޮޅު ދަނޑުގައި މިރޭ ބާއްވާ ޝޯއަށް މި ދެ ލަވަކިޔުންތެރިން ރާއްޖެ
އައިސްފައި މިވަނީ ޝޯއަށް ކުރިން ގެންނަން މަސައްކަތްކުރި ޖެމެއިކާގެ މަޝްހޫރު
ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕޯލް ރާއްޖެ ނައުމަށް ނިންމުމުންނެވެ.
ލަވަކިޔުމުގެ އިތުރުން މިއުޒިކް ޑައިރެކްޓްކުރުންގެ
ގޮތުގައި މަޝްހޫރު މި ދެ ފަންނާނުންނަކީ މުސްލިމު އާއިލާއަކަށް އުފަން ދެބެއިންނެވެ.
އިންޑިއާގެ ގިނަ ފިލްމްތަކެއްގެ ލަވަތަކާއި ގިނަ ލަވަކިޔުންތެރިންގެ މިއުޒިކް
ކޮމްޕޯސް ކޮށްފައިވާ މި ދެ ބެއިންގެ ގިނަ ލަވަތަކަކީ ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވާ
ލަވަތަކެކެވެ. މި ދެފަންނާނުން މިއުޒިކް ކޮމްޕޯސްކޮށްފައިވާ މަޝްހޫރު ފިލްމްތަކުގެ
ތެރޭގައި ފެޝަން، ހީރޮއިން، ކްރިޝް، ކޮކްޓެއިލް، ދޫމް ދޭއް ފާހަގަކޮށްލެވެއެވެ.
"ޓޫރިސްޓް އެރައިވަލް ކައުންޑައުން" ގެ ޝޯގައި
ބައިވެރިވުމަށް މި ދެ ފަންނާނުންގެ އިތުރުން ބައެއް އެހެން ފަންނާނުން ވެސް މިއަދު
ވަނީ ރާއްޖެ އައިސްފަވާކަމަށް މައުލޫމާތުލިބެއެވެ.