ޚަބަރު

ކުރީގެ ސަރުކާރުތަކުގެ އިސްވެރިން މަޖިލީހަށް ކުރިމަތިލައްވާނެ ކަމުގެ އިޝާރާތެއް


އަންނަ އަހަރުގެ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ކުރީގެ ސަރުކާރުތަކުގެ އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުން ވާދަ ކުރައްވާނެ ކަމުގެ އިޝާރާތްތަކެއް ކުރަން ފަށައިފިއެވެ.

އަންނަ މާޗް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާ އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. މި ދާއިރާތަކަށް ވާދަ ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ބައެއް ފަރާތްތަކުން މިހާރުވެސް އަންނަނީ ކެމްޕެއިންގެ މަސައްކަތްތައް ކުރަމުންނެވެ.

ނަމަވެސް ރައްޔިތުންނަށް ހައިރާންކަން ލިބިގެންދާ އެއް ކަމަކީ ކުރީގެ ސަރުކާރާއި އަދި މީގެކުރިންވެސް ދަޢުލަތުގެ އެކި އިސް މަޤާމުތައް ފުރުއްވާފައިވާ ބޭބޭފުޅުން އަންނަ އަހަރުގެ އިންތިޚާބަށް ކުރިމަތިލައްވާނެ ކަމުގެ ޝަޢުގުވެރިކަން ފާޅުކޮށްފައިވުމެވެ.

މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމުގެ ޝަޢުގުވެރިކަން އެންމެ ބޮޑަށް ގެންގުޅުއްވަނީ ނިމިދިޔަ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި އިސް މަޤާމުތަކެއް ފުރުއްވެވި ބޭފުޅުންނެވެ. އޭގެތެެރޭގައި ހިމެނޭ ގިނަ ބޭފުޅުންނަކީ މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންނެވެ.

އަންނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމުގެ ޝަޢުގުވެރިކަން ގެންގުޅުއްވާ އެއް ބޭފުޅަކީ ކުރީގެ ހައުސިން މިނިސޓަރ ޑރ. މުޙައްމަދު މުއިއްޒުއެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ. މި ދެބޭފުޅުންގެ އިތުރުން ކުރީގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންނާއި ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

މި ބޭފުޅުން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފައިވީ ނަމަވެސް ކުރިމަތިލައްވާނެ ސީދާ ދާއިރާއެއް އަދި ކަނޑައެއްނާޅުއްވައެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝަޢުޤުވެރިކަން ދެން ގެންގުޅުއްވާ އަދި އެންމެ ހައިރާންކަން ބައެއް ފަރާތްތަކަށް ލިބިގެންދިޔަ ބޭފުޅަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ ފުރަތަމަ ނާއިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި ޑރ. މުޙައްމަދު ޖަމީލް އަޙްމަދުއެވެ.

އެމަނިކުފާނު މަޖިލީހަށް ކުރިމަތިލައްވާނެކަމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވީ ނަމަވެސް ކުރިމަތިލައްވަނީ ކޮން ދާއިރާއަކުން ކަމެއް އަދި ހާމައެއް ނުކުރައްވައެވެ. ޑރ. ޖަމީލްގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމްވެސް ވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިޢުލާން ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ވަރަށް އަވަހަށް ނިކުންނަވާނެ ދާއިރާއެއް ޢާއްމުންނަށް ހިއްޞާ ކުރައްވާނެ ކަމަށެވެ.

ކުރީ ސަރުކާރުތަކުގެ އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުން އަންނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިޢުލާން ކުރެއްވިއިރު އަންނަ އަހަރު އޮންނަ މަޖިލިސް އިންތިޚާބުގައި ބައެއް ނޫސްވެރިންވެސް ކުރިމަތިލައްވާނެ ކަމުގެ ޝަޢުގުވެރިކަން ވަނީ ފާޅުކޮށްފައެވެ.