ޚަބަރު

ރައީސް ޞާލިޙުގެ ކެބިނެޓަށް ރުހުން ދިނުން މާދަމާ


ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ކެބިނެޓަށް ރުހުން ދިނުން މާދަމާ އޮންނަ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ތާވަލްކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ މާދަމާ ޖަލްސާގެ އެޖެންޑާގައި ބުނެފައިވަނީ 17 ނޮވެންބަރު 2018 ވި ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ 20 ބޭފުޅުންގެ ނަންފުޅު، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ، ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމަށް ހުށަހަޅާ ކަމަށެވެ.

ރައީސް ޞާލިޙުގެ ކެބިނެޓުގައި 20 ބޭފުޅުން ތިއްބަވަނީ ދަޢުލަތުގެ ބަންޑާރަ ނާއިބު ހިމަނައިގެންނެވެ. ރައީސް ޞާލިޙު ހުވާ ކުރެއްވުމުގެ އެއް ދުވަސް ކުރިން އެމަނިކުފާނު ވަނީ ސިޔާސީ ޕާޓީތަކުގެ ހުރިހާ ލީޑަރުންނާއި އެކު މަޝްވަރާ ކުރައްވާފައެވެ. އަދި ކެބިނެޓަށް ޢައްޔަން ކުރައްވާނެ ބޭފުޅުންނާއި ގުޅޭ ގޮތުންވެސް އެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ މަޝްވަރާ ކުރައްވާފައެވެ.

  • ރައީސް ޞާލިޙުގެ ކެބިނެޓުގައި ތިއްބަވާ ބޭފުޅުންނަށް ބަލައިލާއިރު:
  • • ބަންޑާރަނާއިބު - އަލްއުސްތާޛް އިބްރާހީމް ރިފްޢަތު
  • • މިނިސްޓަރ އޮފް ޑިފެންސް - އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ
  • • މިނިސްޓަރ އޮފް ފޮރިން އެފެއަރޒް - ޢަބްދުﷲ ޝާހިދު
  • • މިނިސްޓަރ އޮފް ހޯމް އެފެއަރޒް - އައްޝައިޚް އިމްރާން ޢަބްދުﷲ
  • • މިނިސްޓަރ އޮފް އެޑިއުކޭޝަން - ޑރ. އާއިޝަތު އަލީ
  • • މިނިސްޓަރ އޮފް ހެލްތް - ޢަބްދުﷲ އަމީން
  • • މިނިސްޓަރ އޮފް ޓޫރިޒަމް - ޢަލީ ވަޙީދު
  • • މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް - ޑރ. އަޙްމަދު ޒާހިރު
  • • މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް - އަލްއުސްތާޛް ފައްޔާޟް އިސްމާއީލް
  • • މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ - އިބްރާހީމް އަމީރު
  • • މިނިސްޓަރ އޮފް އެންވަޔަރަމެންޓް - ޑރ. ޙުސައިން ރަޝީދު
  • • މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް - ޝިދާތާ ޝަރީފް
  • • މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ - ޒަހާ ވަޙީދު
  • • މިނިިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ - މުޙައްމަދު އަސްލަމް
  • • މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓް - އާމިނަތު އާތިފާ
  • • މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް - އަޙްމަދު މަހުލޫފް
  • • މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން - ޑރ. އިބްރާހިމް ޙަސަން
  • • މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން - އައިޝަތު ނަހުލާ
  • • މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް - ޔުމްނާ މައުމޫން
  • • މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ - މުޙައްމަދު މަލީހު ޖަމާލު

ޤާނޫނު އަސާސީގެ 129ވަނަ މާއްދާގައި ބުނެފައިވަނީ ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާ ބޭފުޅުންގެ ނަންތައް އެ ބޭފުޅުން ޢައްޔަން ކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެ ކަމަށެވެ.