ޚަބަރު

ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނުން ހަނާ އިސްތިއުފާ ދެއްވައިފި


"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ކޮމިޝަނުން އެ ކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި އައިޝަތު ހަނާ ވަޙީދު އިސްތިއުފާ ދެއްވައިފިއެވެ.

ހަނާ ވިދާޅުވީ އެ މަޤާމުން އޭނާ އިސްތިއުފާ ދެއްވީ މަސްލަހަތު ފުށު އަރާފާނެ ކަމަށް ބެލެވޭތީ ކަމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފްޞީލެއް ހަނާ ހާމައެއް ނުކުރެއެވެ.

މި މަހުގެ 18ވަނަ ދުވަހު ރައީސް ޞާލިޙު އުފެއްދެވި މި ކޮމިޝަނުން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓައެއްގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން މީގެކުރިން މަސައްކަތް ކުރެއްވި ހަނާ އެ މަޤާމަށް ޢައްޔަން ކުރެއްވުމާއިއެކު ގިނަބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.

ހަނާއާ އޭނާގެ ފިރިމީހާ އަދި ކުރީގެ އެސިސްޓެން ޕްރޮސިކިއުޓަރ ޖެނެރަލް އިސްމާޢީލް ވިޝާމް ވަނީ 2015ވަނަ އަހަރު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުވެސް ކޮށްފައެވެ. އެ ދެ މީހުން ހައްޔަރުކުރީ އެ ދެމީހުން ދިރިއުޅޭ ގެއިން ބިޔަރު ދަޅުތަކަކާއެކުއެވެ. އެ މައްސަލާގައި ހަނާގެ ފިރިމީހާ ވިޝާމް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި ހަނާ އޭނާގެ ވަޒީފާއިން އޭރު ސަސްޕެންޑްވެސް ކުރިއެވެ. ނަމަވެސް ހަނާ ވަނީ ފަހުން އޭނާ އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވެފައެވެ.

ހަނާގެ އިތުރުން ކޮރަޕްޝަންގެ މައްސަލަތައް ބަލައި ކޮމިޝަނުގައި ތިއްބެވި އެހެން މެންބަރުންނަށްވެސް އަންނަނީ ފާޑުކިއުންތައް އަމާޒު ކުރަމުންނެވެ. އެ ކޮމިޝަނުގައި ދެން ތިއްބަވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް ސަރީރާ ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްޢަދާއި ނަދީމް އިބްރާޙީމް އަދި އާސް ޢަބްދުﷲ އެވެ. މި މެންބަރުންގެ ތެރެއިން ސަރީރާ އަދި އަސްޢަދަށްވެސް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.