ޓުއަރިޒަމް

އޮތެންޓިކް ޚިދުމަތެއް ރާއްޖެ އަންނަ ފަތުރުވެރިންނަށް ދޭން ޖެހޭ


ވަޒީފާގެ މައިދާނުން، ރާއްޖޭގެ ޒުވާނުންގެ ކިބައިން ފެނިގެންދަނީ
މަތީ ފަންތީގެ ވަޒީފާތަކަށް މަޑުކުރާ މަންޒަރު ކަމަށާ، އެފަދަ ވަޒީފާތަކަށް މަޑު
ނުކޮށް ލިބެން އޮތް ވަޒީފާއަކުން ފަށައިގަނެ، ހަރުފަތްތައް ގިރާކުރަމުންގޮސް
އެންމެ ފަހު ހަރުފަތް، ނުވަތަ އެންމެ މަތީ ވަޒީފާއަށް ވާސިލް ވުމަށް، މަސައްކަތް
ކުރުމަށް ޔޫތު މިނިސްޓަރ ގޮވާލައްވައިފިއެވެ.



ތައިލެންޑްގެ ސެންޓާރާ ހޮޓެލްސް އެންޑް ގްރޫޕްއިން
ރާއްޖޭގައި ހިންގާ ސެންޓާރާ ގްރޭންޑް އައިލެންޑް ރިޒޯޓް އެންޑް ސްޕާގެ މެނޭޖްމަންޓް ޑިވަލޮޕްމަންޓް
ޕްރޮގްރާމްގައި މަތީ ތައުލީމް ޙާސިލްކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ހޮވުނު
ކުދިންނަށް އެކަމުގެ ލިޔުން ޙަވާލުކުރުމަށް އެރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި
ވާހަކަދައްކަވަމުން، މިނިސްޓަރ މަލީހު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއަށް
ބޭނުންވަނީ އުފެއްދުންތެރި ދިވެހިން ކަމަށާއި އެފަދަ ފުރުސަތެއް ލިބޭނީ އެންމެ
އާދައިގެ ވަޒީފާއިން މަސައްކަތް ފަށައިގެނެގެން ކަމަށެވެ.



ސެންޓާރާ ގްރޭންޑް އައިލަންޑް ރިސޯޓް ގައި ބޭއްވި
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް
މުޙައްމަދު މަލީޙު ޖަމާލް ވިދާޅުވީ، ދިވެހި ޒުވާނުންނަށް ވަޒީފާގެ ގިނަ
ފުރުސަތުތަކެއް ރިޒޯޓުތަކުގައި އެބަހުރި ކަމަށާއި ސަރުކާރުގެ އަމާޒާކީ
ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ސަތޭކަ ޕަސެންޓު ދިވެހިންނަށް
ހެދުން ކަމުގައެވެ. އަދި އެކަން ޙާސިލްކުރެވޭނީ ފަތުރުވެރިކަމުގެ ދާއިރާގައި
ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކޮށް، އެންމެ އާދައިގެ ވަޒީފާއިން މަސައްކަތް
ފަށައިގެނެގެން ކަމަށެވެ. އޮތެންޓިކް ޚިދުމަތެއް ރާއްޖެ އަންނަ ފަތުރުވެރިންނަށް
ދޭން ޖެހޭ ކަމަށާއި، އެފަދަ ޚިދުމަތެއް ދިނުމަށް ދިވެހި ޒުވާނުން ތައްޔާރުވުމަށް މިނިސްޓަރ
ގޮވާލައްވާފަވެއެވެ. އަދި ވަޒީފާ ތިމާޔާ ހަމަޔަށް އަންނަންދެން މަޑުނުކޮށް، ތިމާ
އަމިއްލަޔަށް ވަޒީފާއާ ހަމަޔަށް ވާސިލްވާ، ބަޔަކަށްވުމަށްވެސް ޔޫތު މިނިސްޓަރ
އިލްތިމާސް ކުރެއްވިއެވެ.



މިނިސްޓަރ ވިދާޅުވީ ތައިލޭންޑުގެ ސެންޓާރާ ގްރޫޕަކީ
ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން ތަމްރީނުކުރުމަށް ޚާއްސަ އިސްކަމެއް ދޭ ބައެއް
ކަމަށާއި އެގްރޫޕްގެ ފަރާތުން ސަރުކާރުން ހިންގާ ސްޓެޕް ޕްރޮގާރަމަށް ދެމުންދާ
އެހީތެރިކަންވެސް ފާހަގަ ކުރައްވާފައިވެއެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން،
އެރިސޯޓުގެ ހިއުމަން ރިސޯސް މެނޭޖަރ އިބްރާޙީމް ޙަސަން ވިދާޅުވީ، މެނޭޖްމަންޓް
ޑިވަލޮޕްމަންޓް ޕްރޮގްރާމަށް ހޮވުނު ބައިވެރިން ތައުލީމް ޙާސިލްކުރުމަށް
ހަމަޖެހިފައިވަނީ، ތައިލެންޑު އަދި ސުވިޒަރލޭންޑުގައި ކަމަށެވެ.



މިތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު
ސެންޓާރާ ގްރޭންޑް އައިލެންޑް ރިޒޯޓުން ލިބިފައިވަނީ، އެރިސޯޓުގެ ފްރަންޓް ޑެސްކް
އޭޖެންޓު އަޙުމަދު އަޝްފާޤު އަދި ގެސްޓް ރިލޭޝަން އޮފިސަރ ޗައިނާގެ ޖިއަ ކިއާން ގޭ
އަށެވެ. އެމްބީސީ ނިއުސްއާ ވަހަކަ ދައްކަމުން، މިޕްރަގްރާމުން ފަރުސަތު ލިބުނު
އަޝަފާގު ބުނީ، ތައުލީމީ މިފަދަ ފުރުސަތަކަށް އުއްމީދުކޮށްގެން ކުރި މަސައްކަތް ކާމިޔާބުވުމުން
ލިބުނު އުފަލާއެކު، މިލިބުނު ފުރުސަތުގައި ރަގަޅު ނަތީޖާއެއް ހަސިލްކުރުމަށް އަޒުމްކަނޑައަޅާފައިވާކަމަށެވެ.




ސެންޓަރާގެ މެނޭޖްމަންޓު ޑިވަލޮޕްމަންޓް ޕްރޮގްރާމްގެ
ބައިވެރިންގެ ކިޔެވުމުގެ ހުރިހާ ޚަރަދެއް ރިސޯޓުން ބަލަހައްޓާއިރު، މިކަމަށް ފަންސާސް
ދެހާސް ޑޮލަރު ރިސޯޓުން ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. ސެންޓާރާ ގްރޭންޑު އައިލެންޑް ރިސޯޓުން ބުނީ،
އެރިސޯޓުގައި ދިވެހިންނަށް ވަޒިފާގެ ފުރުސަތު އެބައޮތް ކަމަށާއި އިސްކަން
ދެއްވަނީވެސް ދިވެހިންނަށް ކަމުގައެވެ.