ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިދިޔަ އަހަރު އުފެއްދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު ގައި 100 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ އެބަހުރި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރ އަޙްމަދު ނަޞީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ 29.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ލަފާ އެރުވުމުގެ ގޮތުން އިއްޔެ ބޭއްވި ބަޖެޓު ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ގަވަރުނަރ ވިދާޅުވީ ސޮވަރިން ޑިވެލޮޕްމަންޓު ފަންޑަށް އެއަރޕޯޓު ތަރައްޤީ ކުރުމަށް ނަގާ ފީއާ އަދި އެމްއޭސީއެލްއިން ނަގާ ބައެއް އެހެނިހެން ފީތަކުގެ ތެރެއިން ވަކި ޕަސެންޓެއް ކޮންމެ ހަފްތާއަކު ޖަމާ ކުރެވެމުންދާ ކަމަށެވެ. އަދި ހަމައެއާއެކު ދަޢުލަތުން މިހާތަނަށް ނަގާފައިވާ ސޮވަރިން ބޮންޑު އަދާ ކުރުމަށްޓަކައިވެސް ދަޢުލަތަށް ލިބޭ ޢާމްދަނީން ވަކި މިންވަރެއް ކޮންމެ ހަފްތާއަކު އެ ފަންޑަށް ޖަމާ ކުރަމުންދާ ކަމަށެވެ.
"ސޮވަރިން ޑިވެލޮމްމަންޓު ފަންޑުގައި މިހާރު ވަރަށް ބޮޑު ޢަދަދެއްގެ ފައިސާ އެބަހުރި. މިހާތަނަށް 100 މިލިއަން ޑޮލަރަށްވުރެ އިތުރުވާ ޢަދަދެއްގެ ފައިސާ ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގައި ރައްކާ ކުރެވިފައި އެބަހުރި. އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ލަފައަކީ މިވަގުތު އެ ފަންޑު އެއްވެސް ޙާލަތެއްގައި އޮތީކީއެއް ޤާނޫނީ އޮނިގަނޑެއްގެ ތެރޭގައި ރައްކާ ކުރެވިފައެއް ނޫން. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވީހާވެސް އަވަހަކަށް މަޖިލީހުގެ ތެރެއިން ސޮވަރިން ޑިވެލޮޕްމަންޓު ފަންޑާއި ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލެވި އެ ފަންޑުން ފައިސާ ނެގޭނެ އުޞޫލުތަކަކާއި އަދި ފައިސާ ލެވޭނެ އުޞޫލުތަކެއް ފާސް ކޮށްދެއްވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އަރުވާ ލަފައެއް،" ގަވަރުނަރ ނަޞީރު ވިދާޅުވިއެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރ ނަޞީރު ވިދާޅުވީ މިހާރުން މިހާރަށް އެ ފަންޑަށް ޤާނޫނެއް ބޭނުންވަނީ އެ ފަންޑުގައި ހުރި ފައިސާ ޤާނޫނެއްގެ ތެރެއިން ރައްކާތެރި ކުރުމަށް ކަމަށެވެ. މިހާރު އެ ފަންޑު ބަލަހައްޓަމުން ގެންދަނީ ގަވަރނިން ކައުންސިލެއް މެދުވެރިކޮށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ޤާނޫނެއް ނެތުމާއިއެކު އަޅުގަނޑުމެން އެމްއެމްއޭއާ މިނިސްޓްރީ އޮފް ފިނޭންސް މަޝްވަރާ ކުރެވިގެން މިހާރު އަޅުގަނޑުމެން ހަދާފައި މިއޮތީ ގަވަރަނިން ކައުންސިލެއް. މި ކައުންސިލްގައި މި ހިމެނެނީ މިނިސްޓްރީ އޮފް ފިނޭންސާއި އަދި ފިނޭންސް މިނިސްޓްރީގެ ސީނިއަރ ބޭފުޅަކާއި އެމްއެމްއޭގެ ސީނިއަރ ބޭފުޅަކާއި އަދި އެމްއެމްއޭގެ ގަވަރުނަރ ހިމެނޭ ގޮތަށް. މި ކައުންސިލްގައި އަޅުގަނޑުމެން ކުރާ މަޝްވަރާ އަކީ އެ ފަންޑުގައި ހުރި ފައިސާއެއް އިންވެސްޓް ކުރާނެ ގޮތަކާއި ގުޅޭގޮތުން. އަދި އެ އިންވެސްޓުމަންޓާއި ގުޅޭގޮތުން ހުރިހާ ޑިސިޝަނެއް ނަގާނީ މިނިސްޓްރީ އޮފް ފިނޭންސް،" ގަވަރުނަރ ވިދާޅުވިއެވެ.
ސޮވަރިން ފަންޑަކީ ކުއްލި ޙާލަތު ގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްޤީގެ ތަފާތު މަޝްރޫޢުތައް ހިންގުމަށްޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމާއި އިޤްތިޞާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު، އެކަމަކު ފައިސާ ރައްކާ ކުރުމަށްޓަކައި އުފައްދާފައިވާ ފަންޑެކެވެ.
މިއަހަރުގެ މިނިވަން ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު ގައި 47 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ރައްކާކުރެވިފައިވާ ކަމަށެވެ.