ޚަބަރު

ރުއްގަސް ކަނޑާ މައްސަލަ ބެލުމަށް ހޯމް މިނިސްޓަރ ފުލުހުންނަށް އަންގަވައިފި


ޤަވާއިދާއި ޚިލާފަށް ރުއްގަސް ކަނޑަމުންދާތީ އެ މައްސަލަ ބެލުމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ފުލުހުންނަށް އަންގަވައިފިއެވެ.

ރާއްޖޭގައި ހަދާ ރިސޯޓުތައް ފެހި ކުރުމަށް ރާއްޖޭގެ ރަށްތަކުން ރުއް ގަސް އަންނަނީ ކަނޑަމުންނެވެ. އަދި ހަމައެއާއެކު ރާއްޖޭގެ ބައެއް ރަށްރަށުން ރުއްގަސް ކަނޑައި ރާއްޖެއިން ބޭރަށް ބައެއް ފަރާތްތަކުން އަންނަނީ އެކްސްޕޯޓުވެސް ކުރަމުންނެވެ.

ޤަވާއިދާއި ޚިލާފަށް ރުއް ގަސް ކަނޑަމުންދާތީ އެ މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރ އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާނޫނާއި ޚިލާފަށް ގަސް ކެނޑުމާއި ފަރުތަކާއި ފަޅުތަކަށް ގެއްލުން ދިނުން ފަދަ ކަންކަން ޚާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތް ކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ގެ ޓުވީޓް

ޤަވާއިދާއި ޚިލަފާށް ރުށް ގަސް ކެނޑުމުގެ މައްސަލާގައި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭއިން މީގެކުރިން ބުނެފައިވަނީ ފުލުހުންނާއި ގުޅިގެން އެ މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ އެކި ރަށްތަކުން ރުއްގަސް ޤަވާއިދާއި ޚިލާފަށް ކެނޑުމަށްފަހު ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރާ މައްސަލާގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފައިވަނީ ރުއް ކަނޑައިގެން ބޭރަށް އެކްސްޕޯޓުކުރަމުންދާ ކަމުގެ މަޢުލޫމާތު ކަސްޓަމްސްއަށް ލިބިފައިވާކަމަށާއި އެހެންނަމަވެސް ކަސްޓަމްސް އިން މިފަަދަ ހުއްދައަކަށް އެއްވެސް ފަރާތަކުން އެދިފައިނުވާކަމަށެވެ. މީގެ އިތުރުން ކަސްޓަމްސްއިންވެސް ރުއް އެކްސްޕޯޓުކުރުމުގެ އެއްވެސް ހުއްދައެއް އެއްވެސް ފަރާތަކަށް ދީފައި ނުވާނެކަމަށާއި މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާކަމަށް ކަސްޓަމްސްއިން ބުނެއެވެ.