ރައްޔިތުން މަޖިލީހުގެ އިދާރާއިއެކު ޖުމްލަ ފަސް މިނިވަން މުއައްސަސާއެއް ރައްޔިތުން މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީއަށް ގެނައުމަށް ނިންމައިފިއެވެ.
ރައްޔިތުން މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީގެ މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ކޮމެޓީ މެންބަރުން ވަނީ މިނިވަން މުއައްސަސާތަކުގެ ބަޖެޓާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އެގޮތުން ކޮމެޓީ ފެށުމާއި އެކު ކޮމެޓީގެ މުޤައްރިރު އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ބަޖެޓުގައި ހިމަނާފައިވާ ޢަދަދު ކުޑަވުމުން އެ ޢަދަދު އިތުރު ކޮށްދިނުމަށް އެ ކޮމިޝަނުން ބަޖެޓު ކޮމެޓީއަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި އިލެކްޝަންސް ކޮމިޝަނަށް ދީފައި ވަނީ 80 މިލިއަން ރުފިޔާއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ފިނޭންސަށް ހުށަހެޅީ އެ ކޮމިޝަނަށް 123 މިލިއަން ރުފިޔާ އަންނަ އަހަރު ބޭނުންވާ ކަމަށެވެ. ނަމަވެސް އިލެކްޝަނުން އެދުނު މިންވަރު ނުލިބުމުން އެ ކޮމިޝަނުން ވަނީ ބަޖެޓަށް އިތުރު 9.2 މިލިއަން ރުފިޔާ އިތުރު ކޮށްދިނުމަށް އެދި ބަޖެޓު ކޮމެޓީއަށް ސިޓީ ފޮނުވާފައެވެ.
މި މައްސަލައަށް ބަހުސް ކުރައްވަމުން ބަޖެޓު ކޮމެޓީގެ ނާއިބު މުޤައްރިރު އަދި ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ މިނިވަން މުޢައްސަސާތަކަކީ އަބަދުވެސް އެ މުއައްސަސާތައް ބޭނުންވާ މިންވަރު ނުލިބޭތީ ޝަކުވާ ކުރަމުން އަންނަ ތަންތަން ކަމަށެވެ. އެގޮތުން ރިޔާޒު ރަޝީދު ވަނީ ބަޖެޓު ކޮމެޓީއަށް ޤަބޫލުކުރެވޭ މުއައްސަސާތައް ހާޒިރު ކުރުމަށް ހުށަހަޅާފައެވެ.
"އަޅުގަނޑު ހުށަހަޅަން އިލެކްޝަންސް ކޮމިޝަނާއި އިސްލާމިކް ޔުނިވަރސިޓީއާ ޤައުމީ ޔުނިވަރސިޓީ ސިވިލް ސަރވިސް ކޮމިޝަނާއި ރައްޔިތުން މަޖިލީހުގެ އިދާރާ މި މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީއަށް ހާޒިރުކުރަން،" ރިޔާޒު ރަޝީދު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީއަށް އިލެކްޝަނުން ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ 9.2 މިލިއަން ރުފިޔާ އެ ކޮމިޝަނަށް ދިނުމަށް ހުށަހަޅާ ކަމަށެވެ.
"އެ ޢަދަދު ދިނުމަށް އަޅުގަނޑު މި ހުށަހަޅަނީ ސަބަބުތަކެއްވެސް ނެތިއެއް ނޫން. މިހާރު މިވާ ގޮތަކީ އަންނަ އަހަރު ރައްޔިތުން މަޖިލީހުގެ އިންތިޚާބުވެސް އޮންނާނެ. އިންތިޚާބު އޮންނައިރު ޚަރަދުތަކެއް ވެސް ދާނެ. އެހެންވީމަ އެ ކޮމިޝަނަށް އެ ޢަދަދު ބޭނުންވާނެ ކަމަށް އަޅުގަނޑަށް ފެނޭ،" އީވާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނަށް މިހާރު ދޭން ކަނޑައަޅާފައިވާ 80 މިލިއަން ރުފިޔާ އަންނަ އަހަރަށް ލިބިގެން ރައްޔިތުން މަޖިލީހުގެ އިންތިޚާބު ބާއްވަން ދަތިވާނެ ކަމަށް އިލެކްޝަނުން ވަނީ މީގެކުރިން ބުނެފައެވެ. އިލެކްޝަނުން ބޭނުންވާ ބަޖެޓު ނުލިބިއްޖެ ނަމަ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންތިޚާބާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވެސް އުނދަގޫވާނެ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
މިއަދުގެ ބައްދަލުވުން ނިންމާލައްވަމުން ކޮމެޓީގެ މުޤައްރިރު ވިދާޅުވީ މިނިވަން މުޢައްސަސާތައް ހާޒިރު ކުރުމަށްޓަކައި މިރޭ 8:30ގައި ކޮމެޓީގެ އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.