ޚަބަރު

ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި


ޕްރޮސިކިއުޓަރ ޖެނެރަލް، ޕީޖީ އައިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިފިއެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދު މިއަދު މަޖިލީހަށް ވެއްދި މި މައްސަލާގައި ޕީޖީގެ އިތުބާރު ނެތްކަމަށް ބަޔާންކޮށް ފަސް ސަބަބެއް ވަނީ ބަޔާންކޮށްފައެވެ.

މެންބަރު ޢަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި މި މައްސަލާގައި ބަޔާންކޮށްފައިވަނީ ޤާނޫނު އަސާސީއާ ޤާނޫނުން ޕީޖީއަށް މަތިކޮށްފައިވާ ޒިންމާތަކާއި ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އޭގެ އެންމެ ރަނގަޅު ގޮތުގައި އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ.

ޕީޖީގެ އިތުބާރު ނެތްކަމަށް ހުށަހެޅުއްވި ފަސް ސަބަބުތަކުގެ ތެރޭގައި ބަޔާންކޮށްފައިވަނީ މިދިޔަ ސަރުކާރުން ރައްޔިތުން މަޖިލީހުގެ މެންބަރުން ހައްޔަރުކުރިއިރު، އެ މެންބަރުން ހައްޔަރުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިތޯ ޕްރޮސިކިއުޓާ ޖެނެރަލް ކަށަވަރު ކުރައްވާފައިނުވާ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރަކު ޖިނާޢީ ކުށެއްގެ ތުހުމަތުގައި ޕީޖީގެ އެދިވަޑައިގަތުކަމާއިނުކައި ބަންދުކޮށްފައި ބެހެއްޓިއިރު އެއީ ރައްޔިތުން މަޖިލީހުގެ މެންބަރުން ހައްޔަރު ކުރުމުގައި ޢަމަލު ކުރަން އޮންނަ އިޖުރާޢަތާއި ޚިލާފު ކަމެއް ކަމަށްވެސް މެންބަރު ޢަބްދުﷲ ހުށަހެޅުއްވި މައްސަލާގައި ވަނީ ބަޔާންކޮށްފައެވެ.

އިތުރަށް އެ މައްސަލާގައި ބުނެފައިވަނީ ޖިނާޢީ ކުށްކުށުގައި ބަންދުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމުގައި ޢަމަލުކުރުމަށް ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ޚިލާފަށް ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު އެކަން ހުއްޓުވާފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ އިޖުރާޢަތްތައް ފުރިހަމަނުކޮށް ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންގެ މައްޗަށް ޝަރީޢަތް ހިންގަމުން ދިޔައިރު އެކަވެސް ޕީޖީ ބިޝާމް ހުއްޓުވާފައި ނުވާ ކަމަށް މެންބަރު ޢަބްދުﷲ ހުށަހެޅުއްވި މައްސަލާގައި ވަނީ ބަޔާންކޮށްފައެވެ.

ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މިހާގެ ހާޒިރުގައި ޝަރީޢަތް ކުރުމުގެ ހައްޤު ލިބިދީފައިވީ ނަމަވެސް އެކަންވެސް ޤާނޫނަކުން ހަނިކުރެވިފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ މައްޗަށް ޖިނާޢީ ކުށެއްގެ ޝަރީޢަތްކޮށް ޣައިރު ޙާޒިރުގައި ޙުކުމް ކުރެވިގެންދިޔައިރު އެކަންވެސް ޕީޖީ ބިޝާމް މަޤާމުގައި ހުންނަވައިގެން ހުއްޓުވާފައި ނުވާ ކަމަށް މެންބަރު ޢަބްދުﷲ ހުށަހެޅުއްވި މައްސަލާގައި ވަނީ ބަޔާންކޮށްފައެވެ.