ޚަބަރު

ބީ.އެމް.އެލް ވިލިނގިލީ ބްރާންޗު ފަޅާލައި، ފައިސާތަކެއް ވަގަށް ގެންގޮސްފި


ގއ. ވިލިނގިލީގައި ހުންނަ، ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ބްރާންޗު ފަޅާލައި، ގިނަ އަދަދެއްގެ ފައިސާތަކެއް ގެންދިޔަ މައްސަލަ ތަހުގީގުކުރަމުން ދާތީ، އެ ބްރާންޗުން ހިދުމަތް ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ބީއެމްއެލް ގއ. ވިލިނގިލީ ބްރާންޗުގެ ފުރާޅުން ބައެއް ނަގައި، އެތެރެއަށް ވަދެ ތިޖޫރީތަކަށް ގެއްލުންދީ، ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ރޭ ފަތިހު 5:30 ހާއިރުއެވެ. ނަމަވެސް ގެންގޮސްފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ކަށަވަރު ނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ ބޭންކުން ބުނި ގޮތުގައި މައްސަލަ ތަހުގީގުކުރުމަށްޓަކައި ފުލުހުން ދަނީ ބްރާންޗުގައި ހަރަކާތްތެރިވަމުންނެވެ. އަދި ތަހުގީގަށްޓަކައި އެ ބްރާންޗުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށާއި ބްރާންޗު ތެރޭގައި ފުލުހުން ބަލަންޖެހޭ ކަންކަން ބަލާ ނިމުމާއެކު ހިދުމަތް ދޭން އަލުން ފަށާނެކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ.

މީގެ ކުރިން ސަރުކާރުގެ އެކި މުއައްސަސާތައް ފަޅާލައި ތިޖޫރީތައް ވަގަށް ނަގާފައިވީ ނަމަވެސް މިއީ ރާއްޖޭގައި ބޭންކެއް ފަޅާލައި ފައިސާތަކެއް ވަގަށް ނެގި ފުރަތަމަ ފަހަރެވެ.