ޚަބަރު

އެއްވެސް ރައްޔިތަކު ބާކީނުކޮށް، ހެޔޮވެރިކަމެއް ކޮށްދޭނަން- ރައީސުލްޖުމްހޫރިއްޔާ


ސިޔާސީ ގޮތުން ޚިލާޔު ތަފާތުވި ނަމަވެސް، އެއްވެސް ރައްޔިތަކު ބާކީނުކޮށް، ހެޔޮވެރިކަމެއް ކޮށްދެއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ 7 ވަނަ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމަށްފަހު ޤައުމާ މުޚާޠަބު ކުރައްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީއަކީ ދިވެހި ރައްޔިތުންނަށް ކުރިން ލިބިފައިނުވާ އެތަކެއް ޙައްޤުތަކެއް ކަށަވަރުކޮށްދިން ޤާނޫނުއަސާސީއެއް ކަމަށާއި، އެއީ ތިންބާރު ވަކިވެފައިވާ ޤާނޫނުއަސާސީއެއްކަމަށެވެ. ނަމަވެސް ޤާނޫނުއަސާސީން ކަށަވަރުވާނޭކަމަށް އުއްމީދުކުރި ހައްޤުތައް ނުލިބި، ނިޒާމު ޚަރާބުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑު މިފަށާ މަސައްކަތަކީ، ދިވެހި ދައުލަތުގެ އެންމެހައި ކަންކަން ޤާނޫނުއަސާސީގެ އިމުގެތެރެއަށް ގެނެސް، ދިވެހި ރައްޔިތުންނަށް އިންސާފުވެރި ވެރިކަމެއް ކޮށްދިނުމުގެ މަސައްކަތް. މާތްﷲގެ ވާގިފުޅާއެކު، މިފެށޭ ރިޔާސީ ދައުރުގައި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން ދެކޭނީ ދިވެހި ދައުލަތުގެ އެންމެހައި ކަންކަން އިންސާފުގެ މަގަށް މިސްރާބުވެގެން ދާ މަންޒަރު. މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އުޞޫލުތައް ނަގަހައްޓައި، ރައްޔިތުންނަށް ޖަވާބުދާރީވާނޭ ސަރުކާރެއް އުފެދިގެން ދާ މަންޒަރު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ދިވެހި ދައުލަތުގެ އެންމެ އިސް މަޤާމާ ހަވާލުވެވަޑައިގަންނަވާއިރު، ދިވެހި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ޢަދުލުއިންސާފު ޤާއިމުކުރުމަށްކަމަށެވެ. އަދި އެކަން ހާސިލުކުރެވޭނީ ޢަދުލު އިންސާފު ޤާއިމްކުރުމުގެ ދާއިރާ ހިންގުމަށް އެކަށައަޅާފައިވާ ޤާނޫނީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރައްޔިތުންނަށް ޢަދުލު އިންސާފު ކަށަވަރުކޮށްދިނުމަށްޓަކައި، ޤާނޫނީ ޢިލްމާއި، ޝަރީޢަތްކުރުމުގެ ހުނަރު ލިބިފައިވާ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ޤާއިމްކުރަން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައި އެންމެ އިސްކަމެއްގެ ގޮތުގައި ދެކެވަޑައިގެން ކުރައްވަން ފަށްޓަވާނެ މަސައްކަތަކީ އެއީ ކަމުގައި ރައީސް ވިދާޅުވިއެވެ.

އިޤްތިޞާދަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ދައުލަތުގެ މާލީ ޙާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަމަށެވެ. އެގޮތުން ހަމައެކަނި ސިޔާސީ ބޭނުންތަކަށް، ހިންގާފައިވާ އެތައް މަޝްރޫޢުއަކުން ދައުލަތަށް ވެފައިވާ ގެއްލުންތައް ވަރަށް ބޮޑު ކަމަށާއި، ޚިޔާނާތާއި، އެކި ފަންތީގައި ހިނގި ކޮރަޕްޝަންގެ ޢަމަލުތަކުން ދައުލަތުން ގެއްލުނު ފައިސާގެ އަދަދުވެސް ނޭނގޭކަމަށް ރައީސް ވިދާޅުވިއެވެ.

"އިންސާފުގެ މަގަށް ކަންކަން ގެންދިޔުމަށްޓަކައި ކުރަންޖެހިފައި އޮތް އެންމެ މުހިންމު އެއް މަސައްކަތަކީ، ދައުލަތުގެ އެކި މުއައްސަސާސަތަކުގައި އަށަގަނެ މޫލާފައިވާ ކޮރަޕްޝަނާއި ފަސާދައިގެ ޘަޤާފަތް ނައްތާލުން. ދައުލަތުގެ އިދާރާތަކަކުން ކުރާ މަސައްކަތްތަކަކީ ދެފުށް ފެންނާނޭހެން ހާމަކަން ބޮޑު ގޮތެއްގައި ކުރެވޭ މަސައްކަތްތަކެއް ކަމުގައި ހަދަންޖެހޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި އުފައްދާފައިވާ ކޮމިޝަން ހަރުދަނާކުރުމުގެ އިތުރުން، ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރާ ފަރާތްތަކަށް ދޭންޖެހޭ އެންމެ ފުރިހަމަ ޤާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަންދެއްވާކަމަށް ރައީސްގެ ތަޤްރީރުގައި ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ސަރުކާރުގެ އެއްވެސް އިދާރާއަކުން ކުރާކަމަކާ ގުޅިގެން، ޝަކުވާއެއް އުފުލަން ބޭނުންވެއްޖެ ކޮންމެ ރައްޔިތަކަށްމެ، އެ މަގު ފަހިވެފައި އޮންނާނެ ކަމަށާއި، އެފަދަ ޝަކުވާތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، އެކަމަށް ޚާއްޞަ ނިޒާމެއް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޤާއިމުކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ޤާނޫނުއަސާސީއާއި ދިވެހިރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އަޅުއްވަންޖެހޭ އެއްވެސް ފިޔަވަޅެއް އެޅުއްވުމަށް އެމަނިކުފާނު ފަސްޖެހިވަޑައި ނުގަންނަވާނޭކަމަށް ޤާނޫނީ ހުވައި ކުރެއްވުމަށްފަހު ޤައުމާ މުހާތަބްކުރައްވާ ދެއްވި ފުރަތަމަ ތަޤްރީރުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.