ޚަބަރު

އިބްރާހީމް މުޙައްމަދު ޞާލިހް - މަޑުމައިތިރި، ސިޔާސީގޮތުން ވަރުގަދަ ލީޑަރެއް


ދިވެހިރާއްޖޭގެ 7 ވަނަ ރައީސުލްޖުމްހޫރިއްޔާ ޅ. ހިންނަވަރު ނޫރާނީއާގެ އިބްރާހީމް މުޙައްމަދު ޞާލިޙު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންފައިވަނީ 1 މާޗް 1962 ގައެވެ. އެމަނިކުފާނުގެ ބައްޕާފުޅަކީ ޅ. އަތޮޅުގެ އަތޮޅުވެރިޔާކަމުގެ މަޤާމް އަދާކުރައްވާފައިވާ އަދި އުތުރުގެ އަތޮޅުތަކަށް މަޝްހޫރު ވިޔަފާރިވެރިއެއްކަމަށްވާ މަޝްހޫރު ހިންނަވަރު މުޙައްމަދު ޞާލިޙެވެ. މަންމާފުޅަކީވެސް ހަމަ ހިންނަވަރަށް އުފަން މޫމިނާ ޙުސެއިންނެވެ.

އިބްރާހީމް މުޙައްމަދު ޞާލިޙުގެ ތުއްޕުޅު ހަޔާތަށްބަލާލާއިރު، އެންމެފުރަތަމަ ދިރިއުޅުއްވީ އުފަން ރަށް ޅ. ހިންނަވަރުގައެވެ. ތަޢުލީމީ ޙަޔާތް ފެއްޓެވީވެސް އެރަށުގައެވެ. އެއަށްފަހު ޢުމުރުފުޅުން އެންމެ 10 އަހަރުގައި ތަޢުލީމު ޙާސިލުކުރެއްވުމަށް މާލެއަށް ދިރިއުޅުއްވުން ބަދަލުކުރެއްވިއެވެ.

މާލޭގެ އީ.ޕީ.އެސް ސްކޫލުން ތަޢުލީމު ހާސިލުކުރުމަށްފަހު އެމަނިކުފާނު ސާނަވީ ތަޢުލީމު ފުރިހަމަކުރައްވާފައިވަނީ މަޖީދިއްޔާ ސްކޫލުންނެވެ. އީޕީއެސް ސްކޫލުގައާއި މަޖީދިއްޔާ ސްކޫލުގައިވެސް އެމަނިކުފާނަކީ ކިޔެވުމަށް ޝައުޤުވެރިކަން ހުންނަ ތޫނުފިލި ބޭފުޅެކެވެ. އީޕީއެސް ސްކޫލުގައި އައިޖީއެސް އިމްތިހާން ހެއްދެވުމަށް ފަހު، އެއިމްތިހާނުގެ އެންމެ ރަނގަޅު ފަސް ދަރިވަރުންގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގަތުމުން މަޖީދިއްޔާ ސްކޫލުން ކިޔެވުމުގެ ފުރުސަތު ލިބިވަޑައިގަތީއެވެ. ސްކޫލު ދައުރުގައި އިބްރާހީމް މުޙައްމަދު ޞާލިހަކީ ތަޢުލީމާއި އެއްވަރަށް އިތުރު ހަރަކާތްތަކާއި، ކުޅިވަރު ހަރަކާތްތަކުގައިވެސް ފާހަގަކޮށްލެވޭ ޙަރަކާތްތެރި ދަރިވަރެކެވެ. ސްކޫލް މަރުޙަލާ ނިންމެވުމަށްފަހު އެމަނިކުފާނުވަނީ އޮސްޓްރޭލިއާއަށް ވަޑައިގެން ބިޒްނަސް މެނޭޖްމެންޓާއި އެކައުންޓިން ދާއިރާއިން މަތީ ތަޢުލީމު ޙާސިލްކުރައްވާފައެވެ.

ތަޢުލީމީ ހަޔާތް ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު އެންމެ ފުރަތަމަ އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި އަމިއްލަ ނޫސް މަޖައްލާއެއްގައި ނޫސްވެރިއެއްގެ އިތުރުން އެޑިޓަރެއްގެ ގޮތުގައިވެސް ހަރަކާތްތެރިވެވަޑައިގަތެވެ. އެއަށްފަހު ދަޢުލަތުގެ މީޑިއާ، ޓެލެވިޜަން މޯލްޑިވްސްގައިވެސް އެމަނިކުފާނު ވަނީ މަސައްކަތްޕުޅު ކުރައްވާފައެވެ. އަދި އާއިލީ ވިޔަފާރި، ޕޭން އޯޝަންގެ ކަންކަން ބެލެހެއްޓެވުމުގައިވެސް އިބްރާހީމް މުޙައްމަދު ޞާލިޙު ހަރަކާތްތެރިވެވަޑައިގަތެވެ.

މަޑުމައިތިރި މިޒާޖެއްގެ ހިތްޕުޅުހެޔޮ ބޭފުޅެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރާ އެމަނިކުފާނު، ޢާއްމުންގެ ތެރޭގައި މަޝްހޫރު ބޭފުޅަކަށް ވެވަޑައިގަތީ ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގަތުމާއެކުއެވެ. ފެށުނީއްސުރެ ވިޔަފާރީގެ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ އިބްރާހީމް މުޙައްމަދު ޞާލިޙް ސިޔާސީ ދާއިރާއަށް ވަދެވަޑައިގަތުމުގެ ޝައުޤުވެރިކަން އެންމެބޮޑަށް އުފެދުނީ ޓީވީ މޯލްޑިވްސްގައި މަސައްކަތްޕުޅުކުރެއްވި ދުވަސްވަރު އޭރު ބާއްވަމުންދިޔަ އަތޮޅުވެރިންގެ ބައްދަލުވުންތަކަށް ނޫސްވެރިއެއްގެ ގޮތުގައި ވަޑައިގެން އުޅުއްވިއިރު، އަތޮޅުތަކުގެ ހާލަތު ވަޒަން ކުރެއްވުމުގެ ސަބަބުންކަމަށް އެމަނިކުފާނު ވިދާޅުވެއެވެ. އަދި ސިޔާސީ ދާއިރާއަށް ވަދެވަޑައިގަތުމަށް ޝައުޤުވެރިކަން އުފެދުނު އެންމެބޮޑު މަޤުސަދަކީ އަތޮޅުތަކުގެ ހާލަތު ބަދަލު ކުރެއްވުންކަމަށް އެމަނިކުފާނު ވިދާޅުވެއެވެ.

ސިޔާސީ ޙަޔާތުގައި އެމަނިކުފާނު ފާހަގަވެފައިވަނީ އެއްގޮތެއްގައި ދެމިހުންނަވާ ސާބިތުކަމާއެކު މަސައްކަތްކުރައްވާ މީހުން ޤަދަރުކުރާ ބޭފުޅެއްގެގޮތުގައެވެ. އަދި ކާމިޔާބު ސިޔާސީ ލީޑަރެއްގެގޮތުގައެވެ. ވަކިން ޚާއްސަކޮށް ދިވެހިރާއްޖެ ޒަމާނީ ޑިމޮކްރަސީއަކަށް ކުރި ދަތުރުގައި އެމަނިކުފާނު މުހިއްމު ދައުރެއް އަދާކުރައްވާފައިވެއެވެ.

އިބްރާހީމް މުޙައްމަދު ޞާލިޙުގެ ގާތްތިމާގެ ބޭފުޅުންނާއި، ގާތްރަޙުމަތްތެރިން އެމަނިކުފާނު ސިފަކުރައްވަނީ ވަރަށް މަޑުމައިތިރި ހިތްތިރި މިޒާޖެއްގެ ބޭފުޅެއްގެ ގޮތުގައެވެ. އެމަނިކުފާނު ކައިވެނިފުޅު ބައްލަވައިގަތީ، މަޝްހޫރު ވިޔަފާރިވެރިއެއްކަމަށްވާ ސިއްކަ އަޙްމަދު އިސްމާޢީލް މަނިކުގެ ދަރިކަނކަލުން ފަޒްނާ އަޙްމަދާއެވެ. މިދެކަނބަލުންނަށް 2 ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އެއީ، 1 ފިރިހެން ބޭފުޅަކާއި، 1 އަންހެން ބޭފުޅެކެވެ.

އިބްރާހީމް މުޙައްމަދު ޞާލިހުގެ ސިޔާސީ ހަޔާތްޕުޅު ފެށިގެންއައީ ޤާނޫނު ހަދާ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް 1994 ވަނަ އަހަރު އެމަނިކުފާނު އިންތިޙާބު ވެވަޑައިގެންނެވި ހިސާބުންނެވެ. ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު އެންމެ ފުރަތަމަ ތަމްޞީލުކުރެއްވީ ފާދިއްޕޮޅު ދާއިރާ ނުވަތަ ޅ.އަތޮޅު ދާއިރާއެވެ. އެގޮތުން ފާދިއްޕޮޅު ދާއިރާގެ މެމްބަރުކަން 1994 އިން 2009 އަށް ވިދިވިގެން 5 އަހަރުގެ 3 ދައުރު ފުރިހަމަ ކުރެއްވިއެވެ.
އެއަށްފަހު އައު ޤާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކަށް ގެނެވުނު ބަދަލުތަކާއެކު، 2009 ވަނަ އަހަރުން ފެށިގެންގޮސް އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމާއި ހަމައަށް ފުރުއްވަމުން ގެންދެވީ އުފަން ރަށްކަމަށްވާ ހިންނަވަރު ދާއިރާ ގޮނޑިއެވެ.

އުމުރުންފުޅުން އެންމެ 30 އަހަރުގައި ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގެންނެވި އިބްރާހީމް މުޙައްމަދު ޞާލިޙަކީ ރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީކަމަށްވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމް.ޑީ.ޕީ ވުޖޫދަށް ގެނެއުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި އެޕާޓީގެ އެއް ފައުންޑިން މެމްބަރެވެ. ހަމައެހެންމެ ދިވެހިރާއްޖެއަށް މަލްޓި-ޕާޓީ ޑިމޮކްރެޓިކް ސިސްޓަމެއް ގެނެއުމަށް 2003 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާއި ހަމައަށް "ނެޝެނަލް ރީފޯމް މޫވްމަންޓް"ގެ ނަމުގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ އިސްސަފުގައިވެސް އެމަނިކުފާނު ހަރަކާތްތެރިވެވަޑައިގަތެވެ. ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ފެހި ޤާނޫނު އަސާސީ ވުޖޫދަށް ގެނެއުމަށްޓަކާ އުފެއްދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގައިވެސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދައުރު ވަނީ ފެނިގެންގޮސްފައެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގަތުމުގެ ކުރިން ސިޔާސީ ދާއިރާއިން އެމަނިކުފާނު ފުރުއްވާފައިވާ ބައެއް މަޤާމްތަކުގެ ތެރޭގައި އެމް.ޑީ.ޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރުކަމުގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަމާއި މައިނޯރިޓީ ލީޑަރުކަމާއި، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާއި ދެކޮޅަށް ވާދަކުރެއްވި އިދިކޮޅު ކޯލިޝަންގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުކަމުގެ މަޤާމް ހިމެނެއެވެ.
ހަމައެހެންމެ އެމަނިކުފާނަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ އަރިހުގައި އެންމެ އަރިސްކޮށް މަސައްޕުޅު ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ، އަދި ރައީސް ނަޝީދުގެ ތުއްޕުޅުން އިރުންސުރެއް ގާތް އެކުވެރިއެއްވެސްމެއެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާގައި މިވަގުތު ހަރަކާތްތެރިވެވަޑައިގަންނަވާ އެންމެ ދުވަސްވީ އަދި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޢިލްމާއި ތަޖުރިބާގެ އަލީގައި ރާއްޖޭގެ ހިންގުމުގެ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އިންސާނީ ހައްޤުތައްފަދަ ޑިމޮކްރަސީގެ އެންމެ އަސާސީ ހައްޤުތަކަށް ވަކާލާތުކޮށް، އެކަންކަން ދިވެހިރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް އިބްރާހީމް މުޙައްމަދު ޞާލިހުވަނީ އަޑުއުފުއްލަވައި ގިނަގުނަ މަސައްކަތްޕުޅުތައް ކުރައްވާފައެވެ.

ސިޔާސީ ދާއިރާގައި ލިބިވަޑައިގެންނެވި ތަޖުރިބާއާއެކު ރައްޔިތުންގެ ލޯތްބާއި ތާޢީދު ހޯއްދަވާ، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޙާބުގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޓޭޓުގެ ގޮތުގައި އެމް.ޑީ.ޕީގެ ޓިކެޓުގައި ވާދަކުރައްވައި އެމަނިކުފާނު ހޯއްދެވީ ވަރަށްފުރިހަމަ ކާމިޔާބެކެވެ.
މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމާއެކު އެމަނިކުފާނަކީ ރާއްޖޭގެ 7 ވަނަ ރައީސުލްޖުމްހޫރިއްޔާއެވެ.