ޚަބަރު

"ފަންސަވީހަށް ފަންސަވީސް" ކެމްޕޭން ތިނަދޫގައި އިފްތިތާޙުކޮށްފި


ގައިންގަޔަށް ނާރާ ބަލިތައް މަދުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ގުޅިގެން، ސަރުކާރުން ފަށާފައިވާ ޤައުމީ ކެމްޕޭން "ފަންސަވީހަށް ފަންސަވީސް" ގދ. ތިނަދޫގައި އިފްތިތާހުކޮށްފިއެވެ.

ފަންސަވީހަށް ފަންސަވީސް ކެމްޕޭނަކީ 2025 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިންގެ މެދުގައި ގައިން ގަޔަށް ނާރާ ބަލިތައް 25 ޕަސެންޓަށް ތިރި ކުރުމަށް ޑަބްލިއުއެޗްއޯއާއި ސަރުކާރު ގުޅިގެން ރާއްޖޭގައި ހިންގާ ކެމްޕޭނެކެވެ.

ތިނަދޫގައި މިކެމްޕެއިން އިފްތިތާޙުކުރުމަށްފަހު، "ނޫ ހަވީރު"ގެ ނަމުގައި ޚާއްސަ ހަރަކާތެއްވެސް ބޭއްވިއެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ބޭއްވި ހަވީރަކީ ހަކުރު ބަލި ޓެސްޓު ކުރުމާއި، ހިތުގެ ބަލިތަކަށް ފުރުސަތު ބޮޑުވާ ކަންކަމާއި ކެންސަރު ބައްޔާއި އެނޫންވެސް ގައިން ގަޔަށް ނާރާ ބަލިތަކާ ބެހޭ ގޮތުން އާންމުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ހަރަކާތެކެވެ.

މިހަރަކާތުގައި ގިނަ ބަޔަކު ބައިވެރިވެފައިވާއިރު އެ ފަރާތްތަކުން ވަނީ ހަކުރު ބަލި ޓެސްޓުކޮށް، ބްލަޑް ޕްރެޝަރ އާއި ކޮލެސްޓްރޯލް ހުރި މިންވަރު ޗެކް ކޮށްފައެވެ.