ޚަބަރު

އަކުއާ ވިޓާ ރެސިޑެންސް އެޕާޓްމެންޓްތައް އިފްތިތާޙްކޮށްފި


ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ އައު ރެސިޑެންސް އެޕާޓްމެންޓްސް، އަކުއާ ވިޓާ ރެސިޑެންސް ފްލެޓްސް އިފްތިތާހުކޮށްފިއެވެ. ނެޝަނަލް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ރެސިޑެންސްތަކުގެ ޑިޒައިން ލޯންޗުކޮށްދެއްވީ ރާއްޖޭގައި އަކުއާ ވިޓާ ރެސިޑެންސްގެ ޑިވެލޮޕަރ އެން.ޕީ.އެޗް ޑިވެލޮޕްމެންޓް ޕްރައިވެޓް ލިމިޓެޑްގެ އިސް ބޭފުޅުންނެވެ.

އަކުއާ ވިޓާ ރެސިޑެންސްގެ ޑިޒައިން ލޯންޗުކޮއްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އެން.ޕީ.އެޗް ޑިވެލޮޕްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ ޕްރަސާން ލިއަނަގާ ވިދާޅުވީ ރާއްޖެއަކީ އަމިއްލަ ވައްޓަފާޅިއަކާއި ސަޤާފަތެއް ގެންގުޅޭ ޤައުމަކަށްވުމުން ރާއްޖޭގައި ތަރައްޤީކުރާ އަކުއާ ވިޓާ ރެސިޑެންސްއިންވެސް ދިވެހި ވައްޓަފާޅި ރަމްޒުކޮއްދޭނެކަމަށެވެ. އެގޮތުން ޖާގައިގެ ގޮތުން ތަނަވަސް މި ރެސިޑެންސް ތަރައްޤީކޮއްފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން އެންމެ އެކަށޭނަގޮތެއްގައި ދައްކުވައިދޭގޮތަށް ދާއިރާގެ ތަޖުރިބާކާރުންގެ މަޝްވަރާއާއި އެކު ކަން ޕްރަސާން ފާހަގަކުރެއްވެވިއެވެ.

2020 ވަނަ އަހަރުގެ މާޗުމަހުގެ ނިޔަލަށް ނިންމަން ހަމަޖެހިފައިވާ މި ރެސިޑެންސްއަކީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ ވަޞީލަތްތަށް ޤާއިމުކޮއްފައިވާ އެޕާޓްމެންޓްތަކެއްކަން ފާހަގަކުރައްވައި ޕްރަސާން ވިދާޅުވީ މި އެޕާޓްމެންޓްތަކަކީ 2 ބެޑް ރޫމްއާއި 3 ބެޑް ރޫމްގެ އެޕާޓްމެންޓްތަކެއްކަމަށެވެ.

"އަޅުގަނޑުމެން ތަރައްޤީކުރާ އެޕާޓްމެންޓްތަކަކީ އެއް ހާސް އަކަ ފޫޓާއި ގާތް ގަނޑަކަށް ސާދަ ސަތޭކަ އަކަފޫޓާއި ދެމެދުގެ ބޮޑުމިނުގެ އެޕާޓްމެންޓްތަކެއް. ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދައިކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އިންސްޕިރޭޝަން. އެގޮތުން 2 ބެޑް ރުމްއާއި 3 ބެޑްރޫމްގެ މި އެޕާޓްމެންޓްތަކަކީ ޖާގަ ތަނަވަސް ދިވެހިން ގަޔާވާނެކަހަލަ އެޕާޓްމެންޓްތަކަކަށް ވާނެކަމަށް ބެލެވެނީ."

ޕްރަސާން ލިއަނަގާ ވިދާޅުވިއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ އަކުއާ ވިޓާ ރެސިޑެންސްގައި ޖުމުލަ 14 ފަންގިފިލާގެ 104 ޔުނިޓް ޤާއިމުކުރާއިރު ކޮންމެ ފަންގިފިލާއެއްގައި 8 އެޕާޓްމެންޓް ހުންނާނެކަމަށް އެން.ޕީ.އެޗް ޑިވެލޮޕްމެންޓް ޕްރައިވެޓް ލިމިޓެޑްއިން ބުނެއެވެ. މި ރެސިޑެންސްގެ އެންމެ ތިރީ ފަންގިފިލާ ޕާކިންއަށް ޚާއްސަކޮށްފައިވާއިރު އިންފިނިޓީ ސުވިމިންގް ޕޫލާއި، ކިޑްސް ޕޫލްގެ އިތުރުން ސްޓޭޓް އޮފް ދި އާޓް ޖިމްނާސިއަމްއަކާއި ކްލަބްހައުސް ހޯލްވެސް ހިމަނާފައިވެއެވެ.

މިއެޕާޓްމެންޓްތަކުގެ އަގުތަށް އުޅޭނީ 3.1 މިލިއަން ރުފިޔާއިން މަތީގައި ކަމަށް އެން.ޕީ.އެޗް ޑިވެލޮޕްމެންޓް ޕްރައިވެޓް ލިމިޓެޑްއިން މަޢުލޫމާތުދެއެވެ. މި އެޕާޓްމެންޓްތަކަށް ބޭންކް ލޯނުގެ އިތުރުން ފަސޭހައިން ފައިސާ ދެއްކޭނެގޮތަށް ދިގުމުއްދަތުންވެސް ފައިސާ ދެއްކޭނެކަމަށް އެން.ޕީ.އެޗް ޑިވެލޮޕްމެންޓް ޕްރައިވެޓް ލިމިޓެޑްއިން މަޢުލޫމާތުދެއެވެ.