ޚަބަރު

ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލާ ޤަރާރު ބޮޑު އަޣްލަބިއްޔަތަކުން ފާސްކޮށްފި


ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލާ ޤަރާރު ރައްޔިތުން މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތަކުން ފާސްކޮށްފިއެވެ.

މި ޤަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރުދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އެވެ. ޤަރާރު ފާސްކުރުމަށް 57 މެންބަރަކު ފެންނަކަމަށް ވޯޓު ދެއްވިއިރު، ނުފެންނަކަމަށް ނުވަ މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލާ އީވާ ހުށަހެޅުއްވި ޤަރާރުގައި 49 މެންބަރަކު ސޮއި ކުރެއްވިއެވެ. އެ ޤަރާރުގައި ޕީޕީއެމްގެ 13 މެންބަރަކު ވަނީ ސޮއި ކުރައްވާފައެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް ހުށަހެޅި ޤަރާރު ފާސްކޮށްފައިވާއިރު އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުން ފަސްކޮށް ސުޕްރީމް ކޯޓުގެ ޢަމުރެއްގެ ދަށުން އެމަނިކުފާނުވަނީ މިނިވަން ކޮށްފައެވެ. އެއާއެކު އެމަނިކުފާނު ވަނީ މިހިނގާ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ރާއްޖެ ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވަމުންނެވެ.