ޚަބަރު

ޖޭއެސްސީގެ މެންބަރުކަމުގެ މަޤާމު ރިޒާއަށް ގެއްލިއްޖެ


ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ކަނޑައަޅާފައިވާ މެންބަރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން މަޤާމުން ވަކިކޮށްފިއެވެ.

ރިޒާ މަޤާމުން ވަކިކޮށްފައިވަނީ އޭނާ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަކިކުރަމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ބަހުޘް ކުރުމަށްފަހު އޭނާ އެމަޤާމުގައި ހުންނަން ނުފެންނަ ކަމަށް ނެގި ވޯޓުންނެވެ. އެގޮތުން ރިޒާއާ އެއްކޮޅަށް 24 މެންބަރުން ވޯޓު ދިންއިރު، ނުފެންނަ ކަމަށް 42 މެންބަރުން ވަނީ ވޯޓު ދީފައެވެ. އަދި ވަކިގޮތަކަށް ވޯޓު ދޭން ބޭނުންނުވާ އެއް މެންބަރަކު އިންނެވިއެވެ.

މިއަދުގެ މަޖިލީހުގެ ބަހުޘް މަރުޙަލާގައި ވާހަކަ ދައްކަވަމުން ރިޒާ ވިދާޅުވީ، މިއަދު ރައްޔިތުން މަޖިލީހުގެ ޙާލަތު އޮތްގޮތުން މަޤާމުން ވަކިކުރެވިދާނެ ކަމަށާއި ނަމަވެސް އޭނާއަކީ ފިނޑި މީހަކަށް ނުވާތީ މަޤާމުން އިސްތިޢުފާ ދެއްވަން ބޭނުންފުޅުނުވާ ކަމަށެވެ.

ރިޒާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީގެ މެންބަރު ކަމަށް ޢައްޔަންކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާނީ ޤާނޫނުތަކާއި ޤަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި ޖޭއެސްސީގައި އިންނަވައިގެން ބައްލަވާފައިވާ އެއްވެސް މައްސަލައެއްގައި ފިޔަވަޅު އެޅި އެއްވެސް ފަނޑިޔާރަކު، ފިޔަވަޅު އެޅިގޮތަކުން އެއްވެސް ޝަކުވާއެއް މިހާތަނަށް އުފުއްލަވާފައިނުވާ ކަމަށް ރިޒާ ވިދާޅުވިއެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް ރިޒާ ޢައްޔަންކުރަން މަޖިލީހުން ރުހުން ދިނީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. ރިޒާ މިމަޤާމަށް ޢައްޔަންކުރައްވާ މަޤާމުގެ ފަތްކޮޅު ދެއްވީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.