ވެރިއެއްގެ އެންމެ ބޮޑު މަސްޢޫލިއްޔަތަކަށް ވާންވާނީ ޢަދުލު އިންސާފު ޤާއިމް ކުރުން ކަމަށް އިންތިޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ 51ވަނަ ޖުމްހޫރީ ދުވަހާއި ގުޅިގެން އިންތިޚާބީ ރައީސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖުމުހޫރީ ވެރިކަމަކީ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި އުފައްދާ ރައްޔިތުންގެ ވެރިކަމެއް ކަމަށެވެ. ޖުމްހޫރީ ވެރިކަމަކީ މަޝްވަރާގެ ރީތި އުޞޫލުން ރައްޔިތުންގެ ކަންކަން ހިންގުމަށް ޤާއިމްކުރާ ވެރިކަމެއް ކަމަށާއި އެ ނިޒާމުގައި ވެރިންނަކީ ރައްޔިތުންގެ ޚާދިމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުން އިންތިޚާބުކުރާ ވެރިންގެ އެންމެ ބޮޑު ވާޖިބަކަށް ވާނީ ރައްޔިތުންނަށް ޖަވާބުދާރީވުން ކަމަށްވެސް އެމަނިކުފާނުގެ ބަޔާނުގައި ވިދާޅުވިއެވެ.
"އެމަގަށް ކަންކަން ނުދާނަމަ އެކަމުގައި ބަސްބުނެ، އެ ނޫން މަގަކަށް ޤައުމުގެ ހުންގާނު އަނބުރާލުމަކީވެސް ޖުމްހޫރީ ވެރިކަމެއްގައި ރައްޔިތުންނަށް ލިބިފައި އޮންނަ ޙައްޤެކެވެ. ވެރިންގެ ގޮތުގައި އިސްކުރެވޭ ޚާދިމުންނަށް ހުރީ ރައްޔިތުންގެ ނިންމުމާ ރުހި ކިޔަމަންވުންކަމީ ޖުމްހޫރީ ވެރިކަމުގެ އެންމެ އަސާސީ އެއް ފަލްސަފާއެވެ،" ބަޔާނުގައި ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަކަށް ބަދަލުވުމަށްފަހު ވެއަތުވެ ދިޔަ 10 ދައުރުގައި ވެރިކަން ކުރެވިފައި ވަނީ ކިހައި މިންވަރަކަށް ކަމާއި، އެ ދައުރުތަކުގައި ވެރިން ކުރެއްވި މަސައްކަތަކުގެ ފޮނިކަން ނުވަތަ ހިތިކަން ލިބިވަޑައިގެންފައި ވަނީ ކިހައި މިންވަރަކަށްކަން ނިންމަވާނީ ވެސް ދިވެހި ރައްޔިތުން ކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެ، ފެށެން އުޅޭ 11ވަނަ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވެފައިވާ ރައީސްގެ ޙައިސިއްޔަތުން އެންމެ އިސް ވާޖިބެއްކަމުގައި ދެކެނީ ރައްޔިތުންގެ ވެރިކަން ރައްޔިތުންގެ ކިބައިގައި ދެމިއޮތުން ކަށަވަރު ކުރުން ކަމަށް އިންތިޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.
"ދައުލަތެއްގެ ޙަޤީޤީ ވެރިންނަކީ ރައްޔިތުންކަމާއި، މަޤާމުތަކަށް އިންތިޚާބުވުމަކީ ރައްޔިތުން ޙަވާލުކުރާ ޒިންމާއެއްކަމާއި، އެއީ އެރުވޭ ޝަރަފެއް ނޫންކަން އަބަދުމެ ހަނދާނުގައި ބެހެއްޓުމާއި، ހަނދާންކޮށްދިނުމަކީވެސް އަޅުގަނޑުގެ ވާޖިބެއްކަމުގައި ދެކޭނަމެވެ،" އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
އަލަށް ފެށޭ 11ވަނަ ޖުމްހޫރީ ވެރިކަމުގައި ދިވެހި ރާއްޖެއަށް އަމާންކަމާއި ޞުލްޙަވެރިކަމާއި ކުރިއެރުން ލިބިގެން ދިއުމަކީ އެމަނިކުފާނުގެ އެދިލައްވާ ގޮތް ކަމަށްވެސް ޖުމްހޫރީ ދުވަހުގެ މުނާސަބަތާއި ގުޅޭގޮތުން އިންތިޚާބީ ރައީސް ނެރުއްވި ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.