ޚަބަރު

ލ. އަތޮޅުގެ ކަނޑުފަޅު ހިމާޔަތް ކުރުމަށް ކުރި މަސައްކަތަަށް ބައިނަލްއަޤްވާމީ އެވޯޑެއް


ލ. އަތޮޅުގެ ކަނޑުފަޅުތައް ހިމާޔަތްކުރުމަށް ސިކްސް ސެންސަސް ލާމު ރިޒޯޓުން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިއްޖެއެވެ.

79 ވަނަ ސްކާލް ވޯލްޑް ކޮންގްރެސްގެ އެވޯޑްސް ރަސްމިއްޔާތުގައި ލ. އަތޮޅުގެ ކަނޑުފަޅު ހިމާޔަތްކުރުމަށް އެ ރިޒޯޓުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް އެވޯޑް ދީފައިވަނީ ސަސްޓެއިނަބަލް ޓޫރިޒަމް އެވޯޑުގެ "މެރިން ކޯސްޓަލް ކެޓަގަރީ" އިންނެވެ. ސިކްސް ސެންސަސް ލާމުން މިއެވޯޑު ހާސިލްކުރީ މިކެޓަގަރީއަށް ނޮމިނޭޓުވި 31 ޤައުމާ ވާދަކޮށެވެ.

ސިކްސް ސެންސަސް ލާމަށް މި އެވޯޑުލިބިފައިވަނީ އެރިޒޯޓުގެ 9 މެންބަރުން ހިމެނޭ "މޯލްޑިވްސް އަންޑަރވޯޓަރ އިނީޝިއޭޓިވް" އިން އިސްނަގައިގެން ލ. އަތޮޅުގެ ކަނޑުފަޅުތަކާ، އެތަންތަނުގައިވާ ދިރުންތައް ރައްކާތެރިކުރުމަށްޓަކައި ކުރަމުންދާ މަސައްކަތް ފާހަގަކޮށެވެ. ލ. އަތޮޅުގައި ޚިދުމަތްދެމުންދާ ހަމައެކަނި ރިޒޯޓް، ސިކްސް ސެންސަސް ލާމު ރިޒޯޓުން ދަނީ ލ. އަތޮޅުގެ ކަނޑުތަކުގެ މުރަކަތަކާއި ކަނޑުތަކުގައި އުޅޭ އަދި ހިޖުރަކުރާ އެކި ބާވަތުގެ ދިރޭތަކެއްޗާއި، މޫދު ވިނަ ހިމާޔަތްކޮށް އާލާކުރުމަށް ބާރުއެޅުމުގެ ގޮތުން ލ. އަތޮޅުގެ އެކި ރަށްރަށަށް އަމާޒުކޮށް ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

ސިކްސް ސެންސަސް ބްރޭންޑްގެ ރިޒޯޓުތަކުގައި ހުރިހާ ކަމެއްވެސް ރޭވިފައިވާނީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަޑިތަކާ އެއްގޮތްވާގޮތުގެ މަތިން ތިމާވެއްޓަށް ރައްކާތެރި ގޮތެއްގައި ފަތުރުވެރިކަން ކުރުމުގެ މައްޗަށެވެ.

ސްކާލް އިންޓަރނޭޝަނަލް ސަސްޓެއިނަބަލް ޓުއަރިޒަމް އެވޯޑަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ތިމާވެއްޓާ ރައްޓެހިގޮތުގައި ފަތުރުވެރިކަމުގެ ޚިދުމަތްތައްދޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.