ޚަބަރު

ހިތްފަސޭހަ ތަނަކަށް މާލެ ހެދޭނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން - އިންތިޚާބީ ރައީސް


ޖަޒީރާ ރާއްޖެއެއް ގޮތުގައި މާލެ ތަރައްޤީ ކުރުމަށް މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އިންތިޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ޖަޒީރާ ހޮޅުއަށީގެ ނަމުގައި މިރޭ ދަރުބާރުގޭގައި ފެށި ސިލްސިލާ ފޯރަމް ފައްޓަވައި ދެއްވާ ވާހަކަފުޅުދައްކަވަމުން އިންތިޚާބީ ރައީސް ވިދާޅުވީ ހިތްފަސޭހަ ތަނަކަށް މާލެ ހެދޭނީ ލާމަރުކަޒީ ނިޒާމަކުން ރާއްޖެ ތަރައްޤީ ކުރެވިގެން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދު ތަރައްޤީ ކުރެވޭނީ ބާރުތައް ބަހާލައިގެން ކަމަށެވެ.

"ބާރުތައް ބަހާލެވި ރާއްޖެ ތަރައްޤީ ކުރުމުގައި މިއަށްވުރެ ރަނގަޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގެން އެބަޖެހޭ. އެގޮތުން ކުރިންވެސް ދެންނެވި ފަދައިން މިރޭ މި ފަށާ ބައްދަލުވުމުގެ ތެރެއިން އަޅުގަނޑުމެންނަށް މާލޭގެ މަގުތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ ޚިޔާލުތައް ތިބޭފުޅުން ދެއްވާނެ ކަމަށް ޔަޤީންކުރަން،" އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ރައްޔިތުންގެ ޚިޔާލު ބޭނުންވާނެ ކަމަށެވެ.

މިރޭ ފޯރަމްގެ މަޢުޟޫއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މާލޭގެ މަގުތަކާއި ގުޅޭގޮތުންނެވެ. "އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް ބޮޑުތަކުރުފާނު މަގު ބާޒާރު މަތީގައި އެމްޕީއެލް ކައިރިން ފެށިގެން ކުރީގެ އެމްޓީސީސީ އިމާރާތާއި ހަމައަށް ޕާކު ކޮށްފައި ހުރި ވެހިކަލްތައް އެތަނުގައި ޕާކު ނުކުރެވޭ ގޮތް ހެދުން. އެއީ އެތަނަކީ ވަރަށް ގިނަ ވިޔަފާރިވެރިން މުދާ ލޯޑު ކުރާ ސަރަޙައްދެއް ވީމަ ވިޔަފާރިވެރިންނަށްވެސް އަދި ޚާއްސަކޮށް ދުއްވާ ފަރާތްތަކަށްވެސް ވަރަށް މުހިއްމު ވާނެ،" ޢާއްމު ރައްޔިތަކު ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އެދެން އިސްލާމީ މަރުކަޒު އެ ސަރަޙައްދުގައި މިހާރު މާބުލް ޖަހާފައި ހުރި މަގު ޢާއްމުކޮށް ހުޅުވާލައި ދެއްވުން،" މާލޭގެ މަގުތަކާއި ގުޅޭގޮތުން ޢާއްމު ރައްޔިތަކު ވިދާޅުވިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައްޔިތުން މަޖިލީހުގެ ރައީސް ޤާސިމް އިބްރާޙީމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވި މި ފޯރަމްގެ މަޢުޟޫއާ ގުޅޭގޮތުން ވާހަކަދައްކަމުން ބައެއް ޢާއްމު ރައްޔިތުން ވަނީ، މާލޭގެ މަގުތަކަށް ގެންނަންޖެހޭ ބައެއް ބަދަލުތައް އިންތިޚާބީ ރައީސާއި އަދި އިންތިޚާބީ ނާއިބު ރައީސާއި ޙިއްޞާ ކުރައްވާފައެވެ.

މި ފޯރަމަކީ ހަމައެކަނި މާލޭގައި ކުރިއަށް ގެންދާ ފޯރަމެއް ނޫން ކަމަށް ފޯރަމް އިންތިޒާމް ކުރާ ފަރާތުން ހާމަކުރެއެވެ. އެހެންކަމުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މި ފޯރަމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.