ޚަބަރު

ހަކަތައިގެ ދާއިރާގެ ތަފާސްހިސާބު ހިމެނޭ ޚާއްޞަ ފޮތެއް ނެރެފި


ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއާ ބެހޭ ތަފާސްހިސާބު ހިމެނޭ ފޮތް "އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2018" ނެރެފިއެވެ. އެންވަރަމެންޓް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ މިނިސްޓަރ އޮފް އެންވަރަމެންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމެވެ.

ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއާ ބެހޭ ތަފާސްހިސާބު ހިމެނޭ ފޮތް "އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2018" ނެރެދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އެންވަޔަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ މި ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ހަކަތައިގެ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ރާއްޖެއަށް ހޯދިފައިވާކަމަށެވެ. އެގޮތުން އިޔާދަކުރެވޭ ހަކަތައިގެ ދާއިރާއިން އަވިން ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ 11 މެގަ ވޯޓުގެ އިތުރުވުމެއް 2012 އިން 2017 އާއި ހަމައަށް އައިސްފައިވުމަކީ ފަޚުރުވެރިވާންޖެހޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ޠާރިޤް ވިދާޅުވީ ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއާ ބެހޭ ތަފާސްހިސާބު ހިމެނޭ މި ފޮތުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތްތަކާއި، ރިސޯޓުތަކުގައި ކަރަންޓު އުފައްދައި ބޭނުންކުރާ މިންވަރުގެ އިތުރުން ހަކަތައިގެ ދާއިރާގެ ގިނަ ތަފާސް ހިސާބުތަށް ހިމަނާފައިވާކަމަށެވެ.

"އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2018" ގެ ތަފާސްހިސާބު ދައްކާގޮތުން 2017 ވަނަ އަހަރުގެތެރޭގައި 447 ހާސް މެޓްރިކް ޓަނުގެ ޑީސަލާއި، 58 ހާސް މެޓްރިކް ޓަނުގެ ޕެޓްރޯލާއި، 41 ހާސް މެޓްރިކް ޓަނުގެ އޭވިއޭޝަން ގޭހާއި، 14 ހާސް މެޓްރިކް ޓަނުގެ ކެއްކުމަށް ބޭނުންކުރާ ގޭސް ރާއްޖެއަށް އެތެރެކޮށްފައިވެއެވެ.

މި ފޮތުގައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގަޑިއަކު 704 ގިގަވޮޓްގެ ކަރަންޓު ހަކަތަ ބޭނުންކޮށްފައިވެއެވެ. މީގެ ތެރެއިން 56.9 އިންސައްތަ ކަރަންޓް ބޭނުންކޮށްފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައެވެ.

ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއާއި ބެހޭ މަޢުލޫމާތު އެއްކޮށް "އެނަރޖީ އައުޓްލުކް ފޮރ އިންހެބިޓެޓް އައިލެންޑްސް" ގެ ނަމުގައި މިފަދަ ފޮތެއް އެންމެ ފުރަތަމަ ޝާއިޢުކޮކޮށްފައިވަނީ 2013 ވަނަ އަހަރުގައެވެ. "އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2018" އަކީ މި ސިލްސިލާގެ ހަތަރު ވަނަ ފޮތެވެ.