ޚަބަރު

ޑަބްލިއުޓީއެމްގެ ރާއްޖޭގެ ސްޓޭންޑުން ދޮންވެލީގެ ގޮންޑުދޮށްތައް އިނގިރޭސިވިލާތަށް!


އިނގިރޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ މަޤްސަދުގައި ރާއްޖެއިން ވޯލްޑް ޓްރެވަލް މާރޓް ބައިވެރިވުމަށް އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންއެބަދެއެވެ.

ލަންޑަންގެ އެކްސަލް ކޮންފަރެންސް ސެންޓަރުގައި އޮންނަ މިފެއަރ ކުރިޔަށްދާނީ މިމަހުގެ ފަހަކުން ހަތަކަށެވެ. މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއިން ބުނީ މިއަހަރު މިފެއަރގައި ރާއްޖެ ތަމްސީލްކުރާ ކުންފުނިތަކަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ސްޓޭންޑު މިދިޔަ އަހަރަށް ވުރެ ބޮޑުވާނެކަމަށެވެ.

ޑަބްލިއުޓީއެމްގައި މިއަހަރު 65 ކުންފުންޔަކުން ދުއިސައްތައެއްހާ މީހުން ރާއްޖޭގެ ސްޓޭންޑުގައި ހަރަކާތްތެރިވާނެކަމަށް އެމްއެމްޕީއާރުސީއިން މައުލޫމާތުދެއެވެ.

މިއަހަރު ރާއްޖޭގެ ސްޓޭންޑުގައި ބައިވެރިވާ ކުންފުނިތަކަށް ޚާއްޞަކޮށް ހަތަރު ފްލޯޓިން ޓޭބަލް، 65 ކައުންޓަރު އަދި 47 މީޓިން ރޫމް ހުންނާނެއެވެ. ރާއްޖޭގެ ސްޓޭންޑު ހަދާފައިވަނީ ރާއްޖޭގެ މަޝްހޫރު ދޮންވެލި ގޮނޑުދޮށްތައް ދައްކުވައިދޭ ވީޑިއޯތަކާއި ފޮޓޯތައް ފެންނަ ގޮތަށެވެ. ޑަބްލިއުޓީއެމްއަކީ އިނގިރޭސިވިލާތުގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރއެވެ. މިފެއަރގެ މަޤްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެކި ކުންފުނިތައް އެއްފުރާޅެއްގެ ދަށުން ބައްދަލްކޮށް ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ފުރުސަތު ފަހިކޮށްދިނުމެވެ.

1980 ވަނަ އަހަރު ފެށި ވޯލްޑް ޓްރެވަލް މާރކެޓް، ޑަބްލިއުޓީއެމް ލަންޑަންގައި ރާއްޖެއިން ބައިވެރިވާން ފެށީ 1984 ވަނަ އަހަރުއެވެ. 2018 ވަނަ އަހަރު މިއީ މިފެއަރގައި ރާއްޖެއިން ބައިވެރިވާ 34 ވަނަ އަހަރުކަމަށްވާއިރު ފެއަރގެ ސަބަބުން ރާއްޖެއަށް އިނގިރޭސިވިލާތުން ދަތުރުކުރާ ފަތުރުވެރިންގެ އަދަދު ދަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންނެވެ.

2018 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ 10 މާރކެޓްގެ ތެރޭގައި ހިމެނޭ މާކެޓެކެވެ.

މިއަހަރު ފެއަރގައި ދުނިޔޭގެ އެކި ޤައުމުތަކުން ފަސްހާސް ފަރާތަކުން ބައިވެރިވާއިރު، މިފެއަރއަށް ފަންސާސް އެއްހާސް މީހުން ޒިޔާރަތްކުރާނެކަމަށް ފެއަރ އިންތިޒާމްކުރާ ފަރާތުން ލަފާކުރެއެވެ. ރާއްޖެއިން ޑަބްލިއުޓީއެމްގައި ފުރަތަމަ ބައިވެރިވި އަހަރު މިކަމުގައި ހަރަކާތްތެރިވީ އޭރު ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ޤާއިމްކޮށްފައިވާ ޑިޕާޓްމަންޓު އޮފް ޓޫރިޒަމް އަދި އަމިއްލަ ކުންފުންޔެއްކަމަށްވާ މޯލްޑިވްސް ޓްރެވަލް ޕްރައިވެޓް ލިމިޓެޑެވެ.

ރާއްޖޭގެ ސްޓޯލަކާއެކު ފެއަރގައި ބައިވެރިވެފައިވާ ފުރަތަމަ އަހަރަކީ 1986 ވަނަ އަހަރެވެ. މިއަށްފަހު ރާއްޖެއިން ކޮންމެ އަހަރަކު މިފެއަރގައި ބައިވެރިވެފައިވާއިރު، އަހަރަކަށްވުރެ އަހަރެއް މިފެއަރގައި ރާއްޖޭގެ ސްޓޯލްގެ ސައިޒާއި ރާއްޖެއިން ބައިވެރިވަ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުންފުނިތަކުގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.