ޚަބަރު

ޕީޕީއެމްގެ ޤައުމީ ޖަލްސާއިން ފާސްކުރި ކަންކަން އީސީން ބަލައިނުގަތުމުން ކޯޓަށް


ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްއިން ދާދިފަހުން ބޭއްވި އެޕާޓީގެ ޤައުމީ ޖަލްސާއިން ނިންމި ނިންމުންތައް އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތް މައްސަލާގައި ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ޕީޕީއެމްގެ ކައުންސިލް މެންބަރު މުޙައްމަދު ތޮލާލް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 28ވަނަ ދުވަހު ޕީޕީއެމްގެ ފަރާތުން ބޭއްވި ޤައުމީ ޖަލްސާގައި ފާސްކޮށްފައިވާ އަސާސީ ޤަވާއިދާއި އެ ޖަލްސާއިން ޕީޕީއެމްގެ އެކި މަޤާމުތަކަށް މީހުން އިންތިޚާބުކޮށްފައިވާ އޮތް އޮތުން އެންޑޯޒް ކުރެވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހުގެ ތިންވަނަ ދުވަހު ސިޓީއަކުން އެޕާޓީއަށް އަންގާފައިވާ ކަމަށެވެ.

ތޮލާލް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްއަށް ފޮނުވާފައިވާ ސިޓީގައި ނިންމާފައިވާ ނިންމުންތަކަކީ ޤާނޫނު އަސާސީގެ 145ވަނަ މާއްދާއާ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި ދެއްވައި އަދި އެޕާޓީގެ ޤައުމީ ޖަލްސާއިން ފާސްކުރި އަސާސީ ޤަވާއިދާއި ޕާޓީގެ މަޤާމުތަކަށް އިންތިޚާބު ކޮށްފައިވާ އެކި ފަރާތްތައް ޕީޕީއެމްގެ ދަފްތަރުގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރު ކޮށްދިނުމަށް ހުށަހަޅާ ކަމަށެވެ.

މި މައްސަލާއިގެ އަޑުއެހުމެއް މާދަމާ މެންދުރު 1:15ގައި ބޭއްވުމަށް ހައިކޯޓުން މިހާރު ވަނީ ތާވަލްކޮށްފައެވެ.