ޚަބަރު

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމާއި މެމްބަރު ނާޒިމްގެ ޙުކުމް ފަސްކުރުމަށް އަމުރުކޮށްފި


ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ނާޒިމާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން ޢަމުރުކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ވަކިވަކިން ނެރުނު ޢަމުރުގައި ބުނެފައިވަނީ އެ ދެ މައްސަލާގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން އެ ބޭފުޅުންގެ މައްޗަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ޢަމުރުކުރާ ކަމަށެވެ. އަދި އެ ޙުކުމް ތަންފީޒު ކުރުމުގެ ގޮތުން އެ ދެ ބޭފުޅުންނާއި މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދަޢުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށްވެސް ސުޕްރީމް ކޯޓުން ވަނީ ޢަމުރުކޮށްފައެވެ.

ކުރީގެ ޑިފެންސް މިނިސްޓަރުގެ މައްޗަށް ކްރިމިނަލް ކޯޓުން 2015ވަނަ އަހަރު 11 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރީ ނާޒިމް ދިރިއުޅޭ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައެވެ. އެ މައްސަލާގައި ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށްވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބަލައި ނުގަތުމަށް ނިންމާފައެވެ.

ދިއްގަރު ދާއިރާގެ މެންބަރުގެ މައްޗަށް ކޮށްފައިވާ ޢުމުރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒު ކުރުން ފަސް ކުރެއްވުމަށް ސުޕްރީމް ކޯޓުން ޢަމުރުކޮށްފައިވާއިރު އޭނާ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރީ 2015އަހަރުގެ ތެރޭގައެވެ. ނާޒިމްގެ މައްޗަށް ދަޢުވާކޮށްފައިވަނީ މަކަރާއި ޙީލަތް ހެދުމުގެ މައްސަލައެއްގައެވެ.