ޢުމުރުން 65 އަހަރުވުމުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިނުލެވޭނެ ގޮތަށް ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިޞްލާޙު ބާތިލް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙީމް ފަލާޙު ނިންމަވައިފިއެވެ.
ފަލާޙު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 65 އަހަރުވުމުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިނުލެވޭނެ ކަމަށް ޤާނޫނު އަސާސީގައި ބުނެފައިވާ މާއްދާ އުވާލަން މި ހަފްތާގެ ތެރޭގައި ހުށަހަޅާނެ ކަމަށެވެ. މިކަމާއި ގުޅޭގޮތުން ފަލާޙު ޕީއެސްއެމް ނިއުސްއަށް މިއަދު ވިދާޅުވީ 65 އަހަރުވުމުން ރައީސްކަމަށް ކުރިމަތިނުލެވޭ ގޮތަށް ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައީ އޭރުގެ ޙާލަތަށް ބަލާފައި ކަމަށެވެ.
ޤާނޫނު އަސާސީގައި ބުނާ ރައީސްކަމަށް ކުރިމަތިލެވޭ ޝަރުތު ފުރިހަމަވާ ކަމަށްވާނަމަ ކޮންމެ ޢުމުރުން 65 އަހަރުން މަތީ ކޮންމެ މީހަކަށްވެސް ރައީސްކަމަށް ކުރިމަތިލެވޭނެ ކަމަށެވެ. ނަމަވެސް ނާއިބު ރައީސް ކަމަށް ކުރިމަތި ލެވޭނެ ކަމަށް ބުނެ ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިޞްލާޙަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ފަލާޙު ވިދާޅުވިއެވެ.
ރައީސްއާ ނާއިބު ރައީސްކަމަށް ކުރިމަތިލެވޭނެ ވަކި ޢުމުރެއް ކަނޑައަޅައި، ޤާނޫނު އަސާސީ އިޞްލާޙު ކޮށްފައިވަނީ 2015ވަނަ އަހަރުގެ ތެރޭގައެވެ.
ޢުމުރުން 65 އަހަރުވުމުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިނުލެވޭނެ ގޮތަށް ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިޞްލާޙު ބާތިލް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ފަލާޙު ވިދާޅުވެފައިވާއިރު ދާދިފަހުން މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ޤާނޫނު ނުވަތަ އިންތިޚާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް މެންބަރަކު ބަދަލުވުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ބުނެފައިވާ ޤާނޫނުވެސް މިހާރު ވަނީ ބާތިލްކޮށްފައެވެ.