ރިޕޯޓް

މަންތާ ފެސްޓިވަލަށް ބ.އަތޮޅުގެ ރިސޯޓްތަކުން ބޮޑު ތަރުޙީބެއް!


މިމަހުގެ 24 ވަނަދުވަހު ބ.ދަރަވްދޫގައި ބާއްވަން ނިންމާފައިވާ ބ.އަތޮޅު މަންތާ ފެސްޓިވަލްއަށް މިހާރުވެސް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށް މަންތާ ޓްރަސްޓްއިން ބުނެފިއެވެ.
މި ހަރަކާތް ބޭއްވުމަށް ދަރަވަންދޫއިން ދަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ.

މިމަހުގެ 24 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ މަންތާ ފެސްޓިވަލް ފެށުމަށް މިހާރުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ހަރަކާތް ބާއްވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ދަރަވަންދޫ ކައުންސިލާއި އައިލެންޑް އޭވިއޭޝަން ގުޅިގެން ކުރާ މިމަސައްކަތުގައި ދަރަވަންދޫ ރައްޔިތުންގެ އެއްބާރުން ލިބެމުންދާކަމަށް ކައުންސިލުން ބުނެއެވެ.

މިހަރަކާތުގައި ކައުސިލުން އިސްކޮށް ހަރަކާތްތެރިވާ އަލީ ޝަފީޤް ބުނީ މި ހަރަކާތް ކާމިޔާބު ކަމާއެކީ ކުރިއަށް ގެންދިޔުމަކީ ކައުންސިލްގެ ވަރަށް ބޮޑުއަމާޒެއްކަމަށާ، މިކަމުގައި ކައުންސިލިން ފޯރުކޮށްދެވެން ހުރި އެހީތެރިކަމެއް ފޯރުކޮށް ދޭނެކަމަށެވެ. މިފަދަ ބޮޑު ހަރަކާތެއް ހިންގުމަށް ޚަރަދުތަކެއް ހިނގާނެތީ އެކަމަށް ފަންޑް ހޯދުމުގެ މަސައްކަތް ވެސް މިހާރުވަނީ ފަށާފައެވެ. ރަޔިތުންގެ ފަރާތުން މިކަމައް އެއްބާރުލުން ހޯދުމަށް މިކަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބައްދަލުވުމެއްބާއްވައި ޚާއްސަކޮމެޓީއެއްވެސް އެކުލަވާލާފައިވާކަމަށް ދަރަވަންދޫ ކައުންސިލްގެ ނާއިބު ރައީސް އަލީ ޝަފީގް ވިދާޅުވިއެވެ.

"ކައުންސިލްގެ ދައުރަކީ ރަށުތެރެ ޒީނަތްތެރި ކުރުން. އަންނަ މެހުމާންނުންނަށް މަރުހަބާ ކިޔުމަށް ވާންޖެހޭ ތައްޔާރިތައް ވުން. މިމަސައްކަތުގައި ބަޔޮސްފިއަރ ރިސާވް އޮފީހާ ގުޅިގެން މިކަންކަން ރާވާވަމުން އެބަދަން. ދެން އަނެއްކަމަކީ މިކަމަށް ފުދޭވަރެއްގެ ބޮޑު ފަންޑެއް ހޯދަންޖެހޭނެ އެކަންވެސް އެބަކުރަން. ބަޔޮސްފިއަރ ރިސާވް އޮފީހާ ބައެއް ރިސޯޓްތަކާ ގުޅިގެން ފަންޑު ހޯދުމުގެ ކަންކަން ކުރިއަށްދަނީ، ފަންޑު ލިބިޖެއްޔާ މިކަން ވަރަށްރަގަޅަށް ގެންދެވޭނެކަމަށް މިބަލަނީ"

ޢަލީ ޝަފީގް ވިދާޅުވިއެވެ.

މިހަރަކާތަކީ މަންތާ ޓްރަސްޓުން އިސްނަގައިގެ ބ.އަތޮޅު ބަޔޯސްފިއަރ ރިޒާވާ ގުޅިގެން ހިންގާ ޙަރަކާތެކެވެ. މަންތާ ޓްރަސްޓުން މިހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ފްލޮޝީ ބުނީ، މަންތާ ފެސްޓިވަލް އެއް ބޭއްވުން މިއީ މަންތާ ޓްރަސްޓާ ބަޔޯސްފިއަރ ރިޒާވުން ކުރިއްސުރެ ދެކެމުން އައި ހުވަފެނެއްކަމަށެވެ. މިކަން ކާމިޔާބުކަމާއެކީ ކުރިއަށްގެންދިޔުމުގައި ބ.އަތޮޅުގެ 12 ރިސޯޓަކުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން އޭނާ ފާހަގަކުރިއެވެ.

މިފެސްޓިވަލްގައި ފޯސީޒަން، ލަންޑާ ގިރާވަރު، ދަރަވަންދޫ ކައުންސިލް ، ބ.އަތޮޅު ކައުންސިލްގެ އިތުރުން ދަރަވްންދޫ އެއަރޕޯޓް ހިންގާ އައިލެނޑް އޭވިއޭޝަނާ ބ.އަތޮޅުގެ 12 ރިސޯޓަކުން ދަނީ އެކި ގޮތްގޮތުން އެހީތެރިވަމުންނެވެ. އެގޮތުން މިޙަރަކާތުގެ ތެރެއިން ބ.އަތޮޅުގެ ކޮންމެ ސްކޫލަކަށް، ސްނޯކްލިން 30 ކިޓް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބ.އަތޮޅަކީ އާދަޔާ ޚިލާފަށް ކަނޑުގެ ޤުދުރަތީ މުއްސަދިކަން ބޮޑު ޞަރަޙައްދެކެވެ. ޔުނެސްކޯއިން ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ބ.އަތޮޅު ކަޑައަޅާފައިވަނީ 2011 ވަނައަހަރުގެތެރޭގައެވެ. މިއަތޮޅުގައި ފަތުރުވެރިންނާއި ޢާއްމުންގެ އެންމެ ބޮޑު މަޤްބޫލްކަމެއް ލިބެމުން އަންނަ އެއްސަރަހައްދަކީ މަންތާ އާލާވާ ހަނިފަރު ބޭއެވެ. ބ.އަތޮޅުގައި މަންތާ ފެސްޓިވަލް ބޭއްވުމުގެ އެންމެ ބޮޑުއެއްއަސްލަކީވެސް މިއެވެ.