ޚަބަރު

އެމެރިކާގެ ސިޔާސަތާ މުޅި ދުނިޔެވެސް ދެކޮޅު ހަދާނެ- އީރާން


އެމެރިކާއިން އީރާނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތާ މުޅި ދުނިޔެ ދެކޮޅުހަދާނެކަމަށް އީރާނުގެ ދީނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

ޚާމަނާއީ މިހެން ވިދާޅުވެފައި މިވަނީ، އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި އެމެރިކާއިން އެ ޤައުމުގެ ތެލުގެ ސިނާޢަތަށް އަމާޒުކޮށްގެން، ޚާއްޞަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް، އެމެރިކާއިން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

ތެހްރާންގައި ހުންނަވާ ވާހަކަދައްކަވަމުން ޚާމަނާޢީ ވިދާޅުވީ، އެމެރިކާއިން ބޭނުންވަނީ 1979 ވަނަ އަހަރު އީރާނަށް ގެނައި އިސްލާމީ އިންޤިލާބުގެ ކުރިން އެމެރިކާއިން އީރާނުގެ މައްޗަށް ނުފޫޒު ފޯރުވި ގޮތަށް ނުފޫޒު ފޯރުވުމަށް ކަމަށާއި، އެހެންނަމަވެސް މި އިންޤިލާބުގެ ސަބަބުން ވޭތުވެދިޔަ ސާޅީސް އަހަރުގެ ތެރޭގައި އެމެރިކާއިން ވަނީ މިކަމުގައި ނާކާމިޔާބުވެފައި ކަމަށެވެ. ޚާމަނާއީ ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނިންމުންތަކާ މުޅި ދުނިޔެއިން ދެކޮޅުހަދާ ކަމަށާއި، އީރާނާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ ސިޔާސަތާވެސް ދުނިޔޭގެ ޤައުމުތަކުން ދެކޮޅު ހަދާނެ ކަމަށެވެ.

އެމެރިކާއިން އާދިއްތަ ދުވަހުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އަތުން ތެޔޮ ގަންނަ ޤައުމުތައް މަދުވެގެންދާނެ ކަމަށް ބެލެވެއެވެ.

މީގެ މައިގަނޑު އެއް ސަބަބަކީ އީރާނާ އެކު ތެލުގެ ވިޔަފާރީގެ މުޢާމަލާތްތައް ކުރާ ބޭރުގެ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު އެމެރިކާއިން ދިނުމެވެ. އީރާނާކީ ދުނިޔޭގައި ތިން ވަނައަށް އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ ގައުމެވެ.