ޚަބަރު

އަގުހެޔޮކޮށް ލުއި ގޭސް ފުޅިއަށް ބަދަލްކުރެވޭ ޕްރޮމޯޝަނެއް ފަށައިފި


ކައްކާ ގޭސް އަޅާފައި ހުންނަ ދަގަނޑު ފުޅި، އަގުހެޔޮކޮށް ރައްކާތެރި ލުއި ފުޅިއަށް ބަދަލްކުރެވޭ ޕްރޮމޯޝަނެއް މޯލްޑިވް ގޭސްގެ ފަރާތުން ފަށައިފިއެވެ.

މިއީ ގިނަ ދުވަސް ވެފައިވާ ދަގަނޑު ގޭސް ފުޅި ހެޔޮ އަގުގައި ރައްކާތެރި ލުއި ގޭސް ފުޅިއަށް ބަދަލްކުރުމަށް ކަސްޓަމަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ފަށާފައިވާ ޕްރޮމޯޝަނެއްކަމަށް މޯލްޑިވް ގޭސް އިން ބުނެއެވެ. މިޕްރޮމޯޝަން ކުރިޔަށްދަނީ މިމަހުގެ އެކަކުން ވިއްސައްކަމަށާއި، މާލެ، ވިލިގިނލި އަދި ހުޅުމާލޭގައި ހުންނަ މޯލްޑިވްސް ގޭސްގެ ފިހާރަތަކުން މިޕްރޮމޯޝަންގެ ދަށުން ފުޅި ބަދަލްކުރެވޭނެކަމަށް މޯލްޑިވް ގޭހުން ބުނެއެވެ.

މޯލްޑިވް ގޭހުން ބުނީ މިޕްރޮމޯޝަންގެ ތެރެއިން ދަގަނޑު ގޭސްފުޅި ގެންގުޅޭ އެކުންފުނީގެ ކަސްޓަމަރުންނަށް ލުއި ގޭސް ފުޅިއަށް ބަދަލްކުރާ ރަޖިސްޓްރޭޝަން ފީގެ އަގު ހެޔޮވާނެކަމަށެވެ.

ލުއި ގޭސް ފުޅި ރަޖިސްޓަރ ކުރުމަށް ދައްކަންޖެހެނީ އެއް ހާސް އެއް ސަތޭކަ ސައުވީސް ރުފިޔާއެވެ.
ދަގަނޑު ގޭސް ފުޅި ރަޖިސްޓަރ ކުރާ ފީއަކީ ހަ ސަތޭކަ ފަންސާސް ރުފިޔާއެވެ. އަދި ޕްލާސްޓިކް ލުއި ފުޅީގެ ރެޖިސްޓްރޭޝަން ފީއަކީ އެއްހާށް ހަތްސަތޭކަ ހަތްދިހަ ހަތަރެކެވެ.

މޯލްޑިވް ގޭހުން ބުނީ ލުއި ގޭސް ފުޅިއަކީ ފަހުން ތަޢާރަފްކޮށްފައިފައިވާ ހުރިހާ ގޮތަކުންވެސް ތަފާތު، އަދި ރައްކާތެރި ފުޅިއެއްކަމަށެވެ.