ޚަބަރު

ސަލާމަތުގެ އައްސޭރިއަކަށް ރާއްޖެ ގެނެސްދިނުމުން ރައީސް ނަޝީދުގެ ޝުކުރު ރައްޔިތުންނަށް


ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ދިވެހިން ވަނީ ދިވެހިރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެނެސްދީފައި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަަޅައި 13 އަހަރަށް ޖަލަށް ލާފައި ވަނިކޮށް ބޭސްފަރުވާ އިނގިރޭސި ވިލާތަށް ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާތާ ތިން އަހަރަށް ފަހު އެނބުރި މިއަދު ރާއްޖެ ވަޑައިގެން އާޓްފިޝަލް ބީޗުގައި ހުންނަވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުން ދިވެހި ރައްޔިތުން ދައްކުވައި ދިނީ ދިވެހިންނަކި ފަހަތަށް ޖެހޭނެ ބައެއް ނޫން ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުން ދިވެހި އެންމެހާ ރައްޔިތުން މުޅި ދުނިޔެއަށް ނަމޫނާ ދައްކުވާފައިވާ ކަމަށް ވިދާޅުވެ ޖޯޝާއި ފޯރީގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބުން ދިވެހިން ދައްކުވައި ދިނީ ދިވެހިންނަކީ އެމީހުންގެ ހައްޤު މިންވަރު ހޯދާނެ ބައެއްކަން ކަމަށެވެ.

"ހުދުމުޙުތާރުކަމާއި ބާރުވެރިކަމާއި އަނިޔާވެރިކަމަކީ އެދޭ ކަމެއް ނޫންކަން މުޅި ދުނިޔެއަށް ދައްކައިފި. ދިވެހިން ދެއްކީ އިސްލާމީ ރިވެތި ޑިމޮކްރަސީއެއް ބޭނުންވާކަން. އަޅުގަނޑުމެން ހުރިހާ ލީޑަރުން މިވަނީ ތިހުރީ ރައްޔިތުންނަށް ދަރާފައި. ކޮންމެ ރައްޔިތަކަށް ވަނީ ފްލެޓަކަށް ދަރާފައި،" ޖޯޝާއި ފޯރީގައި ސަޕޯޓަރުންނާއި މުޙާތަބު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އަމާޒަކީ އިންތިޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ހިފެހެއްޓުން ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ފަހަތަކަށް ނުޖެހޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ވަރުބައްޔެއްވެސް ނުވާނެ. އަޅުގަނޑުމެން ދިވެހިންނަށް ހެޔޮވެރިކަމެއް ކޮށްދޭނަން. ދިވެހިން އެދޭ ފަދަ އުއްމީދުކުރާ ރާއްޖެ އަޅުގަނޑުމެން ދިވެހިންނަށް ހޯދައިދޭނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ތަރައްގީގެ ނާރެސްއަކީ އާއިލާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ ތަރައްޤީއަކީ މީހުންގެ ޖީބަށް ވަންނަ ފައިސާ އިތުރުވުން ކަމަށެވެ. ތަރައްޤީއަކީ މީހާއަށް އަންނަ ބަދަލު ކަމަށާއި ހަތަރު ލީޑަރުން ނިކުމެވަޑައިގެން ތިއްބެވީ އެ ބަދަލު އަމާނާތްތެރިކަމާއި އެކީގައި ގެނެސްދިނުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ހަތަރު ލީދަރުން ކުރި މަސައްކަތަކީ ދުވަހަކުވެސް ދިވެހި ރައްޔިތުން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފައި މިވަނީ އެމަނިކުފާނުގެ ޖަލު ޙުކުމް ރިވިއު ކޮށްދިނުމަށް އެދިވަޑައިގެން ޕްރޮސެކިއުޓަރ ޖެނެރަލް ހުށަހެޅުއްވި މައްސަލާގައި ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ އެ ޙުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފައިވެސް ވަނިކޮށެވެ.