ޚަބަރު

ހިތަދޫ އަދި ފުވައްމުލަކު ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


އައްޑޫ ސިޓީ ހިތަދޫ އަދި ފުވައްމުލަކު ސިޓީގެ އިންތިޚާބީ ދާއިރާތަކަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން އެ ދާއިރާތަކުގެ މިހާރުގެ މަޖިލިސް މެންބަރުންނާއި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ބައްދަލު ކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާއާ ހިތަދޫ މެދު ދާއިރާ އަދި ހިތަދޫ އުތުރު ދާއިރާ ތަމްސީލް ކުރައްވާ މަޖިލިސް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދުވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލިސް އިންތިޚާބުގައި އައްޑޫ ސިޓީ ހިތަދޫއާ ފުވައްމުލަކު ސިޓީގެ އިންތިޚާބީ ދާއިރާތަކަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން އެ ދާއިރާތަކުގެ މިހާރުގެ މަޖިލިސް މެންބަރުންނާއި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ވަނީ މަޝްވަރާކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާން އަޙްމަދު އަކްރަމް ޕީއެސްއެމް ނިއުސްއަށް މި ބައްދަލުވުމާއި ގުޅޭގޮތުން މިއަދު މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ އަދި ފުވައްމުލަކު ސިޓީގެ އިންތިޚާބީ ދާއިރާތަކަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން އެ ބައްދަލުވުމުގައި އެ ދާއިރާތައް މިހާރު ތަމްޞީލް ކުރައްވާ މެންބަރުންގެ ޚިޔާލާއި މަޝްވަރާ ހޯދާފައިވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ މާދަމާގެ ވަގުތެއްގައި އިލެކްޝަންސް ކޮމިޝަނުގެ ޓީމެއް އައްޑޫ ސިޓީ ހިތަދޫ އަދި ފުވައްމުލަކު ސިޓީއަށް ވަޑައިގެން ސިޓީ ކައުންސިލްތަކާއި ރަށުގެ ބައެއް މީހުންނާއި އިންތިޚާބީ ދާއިރާ ކަނޑައެޅުމާއި ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގެ އިންތިޚާބީ ދާއިރާތަކާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން އަންނަނީ މަޖިލިސް މެންބަރުންނާއި މަޝްވަރާ ކުރައްވަމުންނެވެ.

މި މަހުގެ އެއްވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ޢާއްމުކުރި މަޖިލީސް އިންތިޚާބުގެ އިދާރީ ދާއިރާތައް ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ މެއި މަަހު 31 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓާކޮށްފައިވާ އާބާދީއަށް ރިޢާޔަތް ކުރުމަށް ފަހު އަންނަ އަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޖުމުލަ 87 ގޮނޑިއަށް މެންބަރުން އިންތިހާބު ކުރަން ޖެހޭ ކަމަށެވެ.