ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީއަށް ރައްޔިތުން މަޖިލީހުގެ ފަރާތުން ޢައްޔަން ކުރައްވާފައިވާ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙީމް ރިޒާ އެ މަޤާމުން ވަކި ކުރެއްވުމަށް ހުށަހަޅައިފިއެވެ.
ޤާނޫނު އަސާސީގެ 165ވަނަ މާއްދާގެ ދަށުންނާއި މަޖިލީހުގެ ޤަވާއިދުގެ 178ވަނަ މާއްދާގެ ދަށުން މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމްއެވެ. ނާޒިމް ހުށަހެޅުއްވި މި މައްސަލާގައި އޭނާ ވިދާޅުވެފައި ވަނީ ޖޭއެސްސީގައި އިންނަވާ ރިޒާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ހަމައާ އިންސާފުން އެއްކިބާވެވަޑައިގެން ކަމަށެވެ.
ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ރިޒާ ހުންނަވާ އަމިއްލަ ފަރާތްތަކަށް ޝަރުޢީ ކޯޓުތަކުގައި ވަކާލާތު ކުރައްވަން ވަޑައިގަންނަވާ ކަމަށާއި އެކަމަކީ ސުލޫކީ ގޮތުން ދަށު ދަރަޖައިގެ ޢަމަލެއް ކަމަށްވެސް ނާޒިމް ހުށަހެޅުއްވި މައްސަލާގައި ނާޒިމް ވަނީ ވިދާޅުވެފައެވެ.
ނާޒިމް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައިވަނީ ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ހުންނަވާ ސަރުކާރު ކުންފުނިތަކުގެ ވަކީލުކަންވެސް ކޯޓުގައި މެންބަރު ރިޒާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެފަދަ މައްސަލަތަކަށް ބޮޑެތި ޢަދަދުތަކުން މެންބަރު ރިޒާ ލީގަލް ފީ ނަގަމުން އަންނަ ކަމަށްވެސް މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި ނާޒިމް ވަނީ ވިދާޅުވެފައެވެ. އެގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މައްސަލައެއްގައި ވަކީލުކަން ކުރެއްވުމުގެ ފީއެއްގެ ގޮތުގައި 2.9 މިލިއަން ރުފިޔާ މެންބަރު ރިޒާ ނަންގަވާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މިފަދަ ކަންކަމުގެ ސަބަބުން މެންބަރު ރިޒާ ޖޭއެސްސީގެ މެންބަރު ކަމުން ވަކިކުރަން ހުށަހަޅާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
ޤާނޫނު އަސާސީގެ 165ވަނަ މާއްދާގައި ބުނެފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީއަށް ޢައްޔަން ކުރެވޭ މެންބަރަކު ވަކި ކުރައްވާނީ އެ މެންބަރަކު ޢައްޔަން ކުރެއްވި ފަރާތަކުން ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ ޤަވާދުގެ 178ވަނަ މާއްދާގައި ބުނެފައިވަނީ މިނިވަން މުސްތަޤިއްލު މުޢައްސަސާގެ މެންބަރެއް މަޤާމުން ވަކިވެއްޖެ ކަމަށް ބެލެވޭނީ އެފަރާތްތަކުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވުމުން ކަމަށެވެ.