ޚަބަރު

ފުވައްމުލައް ސިޓީގެ ބަންޑާރަ ކިޅީގައި ހުރި ލޮޓަސް ގަސްތައް ނަގަން ފަށައިފި


ފުވައްމުލައް ސިޓީގެ ބަންޑާރަ ކިޅީގައި ލޮޓަސް ގިނަވެ، އެތަނުގެ ގުދުރަތީ ވެށި ހަލާކުވެގެން ހިނގައިދާނެކަމުގެ ބިރު ބޮޑުވުމާއި ގުޅިގެން ފުވައްމުލައް ސިޓީގެ މަދަނީ ޖަމްޢިއްޔާއެއް ކަމުގައިވާ "ވަން ފުވައްމުލައް" އަދި "ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް" (ސީކެޕް) ގުޅިގެން އެކިޅީގައި ހުރި ލޮޓަސް ގަސްތައް ނަގަން ފަށައިފިއެވެ.

މި މަސައްކަތް ކުރިޔަށްދާގޮތް ޕީއެސްއެމާ ޙިއްސާ ކުރައްވަމުން "ވަން ފުވައްމުލައް" ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ ރައީސް އިސްމާއިލް ރަފީޤު ވިދާޅުވީ، ބަންޑާރަ ކިޅިއަކީ ރަށުގެ އެންމެ ބޮޑު ޤުދުރަތީ ފެންގަޑަށް ވެފައި، އެތާނގައި ހެދިފައިވާ ލޮޓަސް ގަސްތަކުގެ ސަބަބުން ކިޅީގެ އަޞްލު ސިފަ ގެއްލިދާނެކަމުގެ ބިރު އެބަައޮތްކަމަށެވެ. އެހެންކަމުން މި ގަސްތައް ނެގުމަކީ، ބަންޑާރަ ކިޅި އޭގެ ގޮތުގައި ޤުދުރަތީ ރީތި ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރަން އެންމެ މުހިންމުކަމެއްގެ ގޮތުގައި އެޖަމްޢިއްޔާއިން ދެކޭ ކަމަށެވެ.

"
"މި ލޮޓަސް ގިނަވުމުގެ ސަބަބުން މިތަނުގެ ޤުދުރަތީ މާޙައުލު ގެއްލި ކިޅި ކިޅިއެއްގެ ސިފަ ނެތިގެންދާތީވެ މިތަން ސާފު ކުރުމަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމުކަމެއްގެ ގޮތުގައި ދެކެނީ. އެކަން ނުކޮށްފިއްޔާ މި ކިޅި ހަމަ ހިކިގެން ގޮސް ޗަސްބިމަކަށް ބަދަލުވެ، އޭގެ ސަބަބުން މިތަނުގެ ޤުދުރަތީ މާޙައުލާއި ދިރުން ނެތިގެން ހިނގައިދާނެ"
އިސްމާލް ރަފީޤް / ވަން ފުވައްމުލައް ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ ރައީސް

ރަފީޤު ވިދާޅުވީ ވަން ފުވައްމުލައް ޖަމްޢޢިއްޔާއާއި ސީކެޕް އިންތިޒާމުކޮށްގެން މަސައްކަތް ފެށިނަމަވެސް މިހާރު މިކަމުގައި ވެމްކޯގެ އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާކަމަށެވެ. އެގޮތުން ހުރިހައި ފަރާތެއް ގުޅިގެން މި މަސައްކަތް ކުރިޔަށްދާއިރު، ހުރިހައި ލޮޓަސް ގަސްތައް ނަގައި ކިޅި އެއްކޮށް ސާފުކުރުމަށް ދެމަސް ދުވަސް ވަރު ނަގާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

ބަންޑާރަ ކިޅިއަކީ، ސަރުކާރުން ޙިމާޔަތްކޮށްފައިވާ ޞަރަޙައްދެކެވެ. އެގޮތުން ބަންޑާރަ ކިޅިއަކީ ރައްކައުތެރިކުރަންޖެހޭ ޞަރަޙައްދެއްގެގޮތުގައި ކަނޑައަޅައި، ކިޅި ހިމެނޭ ޞަރަޙައްދުގެ އިން ވަނީ ވަކިކޮށްފައެވެ. އަދި އެ ޞަރަޙައްދުގައިވާ ދިރުންތަކާއި ޤުދުރަތީ ވަޞީލަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ރައްކާތެރިކޮށް ބެލަހައްޓާ، އެތަނުގެ ޤުދުރަތީ މުއްސަނދިކަމުގެ ފައިދާއާއި އިޤްތިޞާދީ ފައިދާ ޢާންމު ރައްޔިތުންނަށް ލިބިދިނުމާ ގުޅޭ އުސޫލުތަކެއް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ވަނީ ކަނޑައަޅާފައެވެ. އަދި އެ ކިޅިން ރައްޔިތުންނަށް މަންފާ ހޯދޭނެގޮތްތައް ސަރުކާރުން މިހާރުވަނީ ހަމަޖައްސައިދީފައެވެ.

ފުވައްމުލައް ސިޓީގައި ޙިމަޔާތް ކުރެވިފައިވާ ޞަރަޙައްދުގެ ތެރޭގައި ބަންޑާރަ ކިޅީގެ އިތުރުން އެސިޓީގެ ޗަސްބިން ޞަރަޙައްދުވެސް ހިމެނެއެވެ.